މަޝްހޫރު އިނގިރޭސި ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްއާއި އޭނާގެ ދޮށީ ދަރިފުޅު ބްރޫކްލިން ބެކަމްގެ މެދުގައި އޮތް ނުތަނަވަސްކަން ނިމި ސުލްހަ ވެއްޖެކަމުގެ އިޝާރާތެއް ޑޭވިޑް ދީފި އެވެ.

ދާދި ފަހުން އިނގިރޭސި ވިލާތުން ޑޭވިޑްއަށް އެރުވި ނައިޓްހުޑްއާއެކު އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް ކުރި ސޯޝަލް މީޑިއާ ޕޯސްޓަކަށް ކޮމެންޓް ކުރަމުން ޑޭވިޑް ވަނީ ބްރޫކްލިން ހިމެނޭހެން އޭނާގެ މުޅި އާއިލާ ޓެގް ކޮށްފަ އެވެ.

އެ ކޮމެންޓްގައި ޑޭވިޑް ބުނެފައިވަނީ އެ އެންމެން ދެކެވެސް ލޯބިވާ ކަމަށެވެ. އެއާއެކު ވިކްޓޯރިއާއާއި ބްރޫކްލިންގެ އިތުރުން ރޯމިއޯ އަދި ކްރޫޒު ވެސް ޓެގް ކޮށްފައިވެ އެވެ.

އެއާއެކު ދެބަފައިންގެ މެދުގައި މިފަހަކަށް އައިސް އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުވެ ސުލްހަވީ ކަމަށް ގިނަ ބަޔަކު ފާހަގަ ކުރަން ފެށި އެވެ.

ޑޭވިޑްއާއި ބްރޫކްލިންގެ ގުޅުމުގައި ކުނި ޖެހުނީ 2022 ވަނަ އަހަރު ބްރޫކްލިން އޭނާގެ އަންހެނުން ނިކޯލާ ޕްރެޓްޒްއާ ކައިވެނި ކުރި ހިސާބުންނެވެ.

ޑޭވިޑްއަށް ނައިޓްހުޑް ލިބުމާއެކު ވިކްޓޯރިއާގެ އިތުރުން ރޯމިއޯ އަދި ކްރޫޒު ވެސް ވަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ބައްޕައަށް މަރުހަބާ ކިޔާފަ އެވެ. އެހެން ނަމަވެސް ބްރޫކްލިންގެ ބަހެއް އަދި ނުލިބެ އެވެ.

ނައިޓްހުޑްއަކީ އިނގިރޭސި ރަސްކަމުގެ ފަރާތުން އެގައުމަށް ރީތި ނަން ގެނެސްދޭ ފަރާތްތަކަށް އަރުވާ ހާއްސަ އަސްކަރީ ލަގަބެކެވެ. މި ލަގަބާއެކު ޑޭވިޑްގެ ނަމުގެ ކުރިއަށް "ސަރ" އިތުރުވާނެ އެވެ.