ވެސްޓްޕާކް ކައިރިއަށް ސްނޯކްލިންއަށް ފޭބި 24 އަހަރުގެ ޒުވާނަކު މަރުވެފައި އޮތްވައި ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މެންދުރު 11:00 ހާއިރު ސްނޯކްލިން އެކަނި ފޭބި މ. ބޮއިލިން ފިޝް ޝައްފާން ރަޝީދު، ގެއްލިގެން ހޯދަނިކޮށް ފެނުނީ އާއްމު ޑައިވަރުންނަށް ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ޝައްފާން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރުން އާއްމު ޑައިވަރުން ވެސް ހަރަކާތްތެރިވި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ސްނޯކަލިންއަށް ގޮސް އުޅެނިކޮށް މަރުވި ޝައްފާން ރަޝީދު މަސް ހިފަން ފީނަނީ. ފޮޓޯ: ފޭސްބުކް

އޭނާގެ ހަށިގަނޑު ފެނުނީ ސްނޯކްލިންއަށް ފޭބި ސަރަހައްދު 12.1 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ގައުމީ ދިފާއީ ބާރުން ބުނީ ޝައްފާން ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައި ވަނީ ހަވީރު 4:36 ގައި ކަމަށެވެ.

ޝައްފާންގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އޭނާއަކީ އާއްމުކޮށް ސްނޯކްލިންއަށް ގޮސް އުޅޭ މީހެއް ކަމަށެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އެއާޕޯޓް ރެސްކިއު އެންޑް ފަޔާ ފައިޓިންގައި ވަޒީފާ އަދާކުރާ ޝައްފާން މީހަކާ ކައިވެނިކުރީ މިމަހުގެ ހަވަނަ ދުވަހު އެވެ.

އެޑިޓަރުގެ ނޯޓް: މި ޚަބަރުގައި ކުރިން ގެނެސްދެވިފައިވާ ނަމަކީ ސޮފްވާ ރަޝީދެވެ. އެއީ އެމްއެންޑީއެފް އިން ހާމަކުރި ގޮތެވެ. ނަމަވެސް އޭނާގެ ނަމަކީ ޝައްފާން ރަޝީދުކަމަށް އެނގުމުން ނަން ވާނީ ބަދަލުކޮށްފަ އެވެ.