"ޓާމިނޭޓާ"އާއި "އެކްސްޕެންޑަބަލްސް"އަކީ ހޮލީވުޑްގެ މަޝްހޫރު ތަރި އާނޯލްޑް ޝްވަރްޒެނެގާގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ބެލެވިފައިވާ ފިލްމުތަކެވެ.

އެހެން ނަމަވެސް އާމްދަނީއަށް ބަލާއިރު މި ދެ ފިލްމަކީ އާނޯލްޑްގެ އެއްވަނަ ކަމުގައި ބުނެވޭކަށް ނެތެވެ. އެ ޝަރަފު ލިބިފައިވަނީ ގިނަ ބަޔަކަށް ނޭނގޭ ކޮމެޑީ ފިލްމަކަށެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި އާނޯލްޑް ވަނީ އޭނާއަށް އެންމެ ފައިދާކުރި ފިލްމަކީ އިވަން ރެއިޓްމެންގެ ކޮމެޑީ ފިލްމު "ޓްވިންސް" ކަމަށް ބުނެ އޭނާގެ ސަޕޯޓަރުން ހައިރާން ކޮށްލާފަ އެވެ.

އާނޯލްޑްއަކީ މި ޖީލުގެ އެންމެ މަޝްހޫރު އެއް އެކްޝަން ހީރޯއަށްވާއިރު އޭނާގެ އެންމެ ކާމިޔާބު ފިލްމަކީ ކޮމެޑީ ފިލްމަކަށް ވުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

އާނޯލްޑް ބުނި ގޮތުގައި އެ ފިލްމުން އޭނާއަށް ޖުމްލަ 40 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. މިއީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.

އެއްމާބަނޑު ދެބެއިންގެ ރޯލުން އާނޯލްޑްއާއި ޑެވިޓޯ ފެނިގެންދާ "ޓްވިންސް"އަކީ އާނޯލްޑްއަށް ހެއްވާ މަޖާ ރޯލުތައް ލިބުން މަދު ދުވަސްވަރެއްގައި ލިބުނު ފިލްމެކެވެ.

1988 ވަނަ އަހަރު ރިލީޒްކުރި އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 216 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު ހޯމް ވީޑިއޯ މެދުވެރިކޮށް އެ ފިލްމަށް ލިބުނު އާމްދަނީ އެއަށްވުރެ ވެސް ބޮޑެވެ.