އުމުރުން 94 އަހަރުގައި ބަރުދަނުން 22 ކިލޯ ލުއިކޮށްގެން ހޮލީވުޑްގެ މަޝްހޫރު ތަރި ވިލިއަމް ޝެޓްނާ އެންމެން ހައިރާން ކޮށްލައިފި އެވެ.
ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި އެ އުމުރުގައި ވިލިއަމްގެ ބަރުދަން އެހާ ބޮޑަށް ލުއި ކޮށްލުމާއެކު ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ހުއްޓިފަ އެވެ.
ބުނެވޭ ގޮތުގައި ހިޕް ރީޕްލޭސްމަންޓް ސާޖަރީއަކަށްފަހު ވިލިއަމްގެ ބަރުދަން ނުރައްކާތެރި މިންވަރަށް އިތުރުވި އެވެ. އެގޮތުން އެއް އިރެއްގައި އޭނާގެ ބަރުދަން 135 ކިލޯގައި ހުއްޓެވެ.
އެހެން ނަމަވެސް އެންމެ ފަހުން އޭނާ ފެނިގެން ދިޔައިރު އޭނާގެ ހަށިގަނޑަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ހަށިގަނޑު ހިކިފައިވާކަން ފާހަގަވާއިރު ސިއްހަތު ވެސް ރަނގަޅު ކަމަށް ފެނެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ވިލިއަމްގެ ބަރުދަން ލުއިވުމުގެ ފަހަތުގައި ވަނީ އޭނާގެ ކެއިން ބުއިމަށް ގެނައި ބަދަލުތަކެވެ. އެގޮތުން ބަރު ކެއުންތަކުން އޭނާ ދުރުވިއިރު ރޭގަނޑަށް ކަނީ ހަމައެކަނި މޭވާ ކަމަށްވެ އެވެ.
އެއާއެކު ދުވާލުގެ ވަގުތުގައި ހަރަކާތްތެރިވެ އުޅުމަށް ވެސް އޭނާ ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ހޮލީވުޑްގެ ހަބަރުތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
ވިލިއަމް މަޝްހޫރު ވެފައިވަނީ ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ސްޓާ ޓްރެކް"ގައި އޭނާ ދައްކުވައިިދިން ކެރެކްޓަރު ކާކްގެ ރޯލުންނެވެ.