ހޮލީވުޑްގެ ޝަރަފުވެރި ވޯކް އޮފް ފޭމްއަކީ ހަމަ ކޮންމެ ފަންނާނަކު ވެސް އެ ޝަރަފު ހޯދަން ބޭނުންވާ ޝަރަފެކެވެ. އެ ޝަރަފު އެންމެ ފަހުން ލިބުނު ތަރިންގެ ތެރޭގައި ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ހިމެނެ އެވެ.
ހޮލީވުޑް ވޯކް އޮފް ފޭމްއަށް ކޮންމެ އަހަރަކު ވެސް އާ ތަރިންތަކެއް ގުޅޭއިރު އެއިން ބައެއް ތަރިންނަކީ އެ ޝަރަފު އަގެއް ދީގެން ގަންނަ ތަރިން ކަމަށް އަޑު އަރާފައި އޮވެ އެވެ.
އެގޮތުން ދީޕިކާއަށް ވެސް ވޯކް އޮފް ފޭމް ޝަރަފު ލިބުނީ އެއަށް ބޮޑު އަގެއް ދައްކައިގެން ކަމަށް މަދުން ނަމަވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.
އަޑު އަރާފައިވާ ގޮތާ ޚިލާފަށް ވޯކް އޮފް ފޭމްއަކީ ގަނެވޭނެ ޝަރަފެއް ނޫނެވެ. އެހެނެއް ކަމަކު އެއީ މާހިރުންގެ ޕެނަލަކުން ކޮންމެ އަހަރަކު ވެސް ހޮވާ ތަރިންނަށް ލިބޭ ޝަރަފެކެވެ.
އެހެން ނަމަވެސް ވޯކް އޮފް ފޭމްގައި ކޮންމެ ތަރިއަކަށް ވެސް ލިބޭ ޖާގަ ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ބޮޑު އަދަދެއް ދައްކަން ޖެހެ އެވެ. އެގޮތުން ދީޕިކާ ވެސް އަހަރަކު 85000 ޑޮލަރު ދައްކަންޖެހޭ ކަމަށް ހަބަރުތައް ބުނެ އެވެ.
ދީޕިކާއަށް ލިބުނު ވޯކް އޮފް ފޭމްއާއެކު އޭނާ ވެފައިވަނީ އެ ޝަރަފު ލިބުނު އިންޑިއާގެ އެންމެ ފުރަތަމަ އަންހެން ތަރިއަށެވެ. އޭނާއާއެކު އެމިލީ ބްލަންޓް، ޓިމޮތީ ޗަލަމެޓް އަދި ރޭޗަލް މެކްއެޑަމްސް ފަދަ ތަރިން މިއަހަރުގެ ލިސްޓުގައި ހިމެނުނެވެ.