މިއަދުގެ ހެނދުނުގެ ވަގުތެއްގައި ގދ. ގައްދުއިން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ގައްދޫން ފުރައިގެން ޑިންގީއެއްގައި ގަމަށް ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަބަރެއް ނުވެގެން ހަވީރު 5:5 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު، އެ މީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާ އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ގަމާއި ގަން ކައިރި ފަޅު ރަށްތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.