ޓީޖީއެސްޓީ އާއި ގްރީން ޓެކުހުމުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން މިދިޔަ ޖޫން މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
މީރާ އިން ބުނީ މިދިޔަ ޖޫން މަހު އެ އިދާރާއަށް ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.63 ބިލިއަން ރުފިޔާ ކަމަށެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 27 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، ޖޫން 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 10.4 އިތުރު އަދަދެކެވެ.
މީރާއިން ބުނިގޮތުގައި، ޖޫން 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ޖޫން 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓީޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއެކު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިތުރުވުމެވެ.
މިއީ، ޖޫން 2024 އާ އަޅައިބަލާއިރު ޖޫން 2025 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 13.1 ޕަސެންޓް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ.
މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް ޖޫން 2025 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.
ޖޫން 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 10.4 ޕަސެންޓް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ބޭންކް އިންކަމް ޓެކުހާއި، ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވުން ކަމަށް މީރާ އިން ބުންޏެވެ.
މީގެ އިތުރުން، ޖޫން 2025 ގައި ލިބިފައިވާ އާމްދަނީގެ 16.7 ޕަސެންޓަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބު ކަމަށް މީރާ އިން ބުންޏެވެ.
ޖޫން 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 36.5 ޕަސެންޓް ނުވަތަ 960.9 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 24.1 ޕަސެންޓް ނުވަތަ 634.0 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ރިސޯޓުތަކުގެ ކުލީގެ ޓެކުހުގެ ގޮތުގައި 403.1 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 163.3 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 133.2 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 133.1 މިލިއަން ރުފިޔާ މީރާއަށް ބަލައިގަނެފައިވެ އެވެ.
ޖޫން 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 116.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާ އިން ބުންޏެވެ.