އުފުލެމުންދާ ޑޮލަރު ރޭޓް ކަޅުބާޒާރުގައި 20.05ރ. އަށް އުފުލިއްޖެ އެވެ.

ފަހަކަށް އައިސް ޑޮލަރުގެ ރޭޓް އަންނަނީ ބޮޑުތަނުން މަތިވަމުންނެވެ. މިއީ ކޮވިޑްގެ އާލަމީ ވަބާ ރާއްޖޭގައި ބޮޑަށް ފެތުރި ރާއްޖޭގެ ބޯޑަރު ބަންދުވެފައި އޮތްއިރު ވެސް ޑޮލަރުގެ ރޭޓް މައްޗަށް ނުދާ މިންވަރެކެވެ.

މިކަމުގެ ސަބަބުން އެތައް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަނީ ދަށަށެވެ. ބާޒާރުގައި ތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނެއް ވުޖޫދުކޮށް ރިސޯތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުން ވަކި ޕަސެންޓެއް ކޮންމެ މަހަކު މަރުކަޒީ ބޭންކު އެމްއެމްއޭއަށް މާރުކުރުން މަޖުބޫކުރިއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ރިސޯޓްތަކުން މުވައްޒަފުންނަށް މުސާރަ ދޭނީ ރުފިޔާއިންނެވެ. އަދި ބައެއް ރިސޯޓްތަކުގައި ސާވިސް ޗާޖް ވެސް ދެނީ ރުފިޔާ އިންނެވެ.

ޑޮލަރުގެ ރޭޓް ރަސްމީ ރޭޓް ކަމަށްވާ 15.42 އަށް ދަށްވާނެކަމުގެ ޔަގީންކަމާއެކު އެކި އެކި ތާރީހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވިޔަސް. ޑޮލަރުގެ އަގު ވަނީ ބޮޑެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވެފައި ވަނީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެނަމަ ރަސްމީ ރޭޓަށްވުރެ ވެސް ކުޑަކޮށް ޑޮލަރު ލިބޭނެގޮތް ހަމަޖެހޭނެ ކަމަށެވެ.