ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބޮޑު ކާމިޔާބަށް ފަހު ކައުންސިލު އިންތިޚާބަށް އެމްޑީޕީން ނުކުތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތިންބަލި ކުރާނެކަމުގެ އަޑު އުފުލަމުންނެވެ. ފޯރިގަދަ ކެމްޕޭނަކާއެކު މުޅިރާއްޖޭގައި ބޭއްވި އިންތިޚާބުނިމި ވަގުތީ ނަތީޖާ ތައް ލިބެން ފެށުމާއެކު ޕީޕީއެމްގެ އަޑު ގަދަވެ އެމްޑީޕީ އަށް ހިމޭން ކަން ވެރިވެއްޖެ އެވެ.

އިންތިޚާބުގެ "ހޮޓްސްޕޮޓް" ތައް ކަމުގައިވާ މާލޭ ސިޓީގެ މޭޔަރުކަމާއި އައްޑޫ ސިޓީގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުން ވެގެންދިޔައީ ޕާޓީއަށް ލިބުނު ކުއްލި ހައިރާން ކަމަކަށެވެ. އޭގެ ބަދަލުގައި ޕީޕީއެމް/ޕީއެންސީން ވަނީ މާލޭގެ މޭޔަރުކަމާއި ގިނަގޮނޑިތަކަކާއި އެކު މުޅި ރާއްޖެއިން ބޮޑު ކާމިޔާބެއް ހޯދައި އުވެމުން ދިޔަ ޕާޓީ ގެ ރޫހު އަލުން ދިރުވައިލާފަފަ އެވެ.

އެމްޑީޕީ އަށް މިވީ ކިހިނެއް؟

ރާއްޖޭގައި ލާމަރުކަޒީ ނިޒާމުތައާރަފުކޮށް ކައުންސިލްތަކެއް ގާއިމު ވީއްސުރެ މާލެއާއި އައްޑޫ ސިޓީ އަކީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އެޕާޓިގެ މޭޔަރުން ހިންގަމުން ދާ ސިޓީ ތަކެކެވެ. މި ސިޓީ ތަކުގެ އަޣުލަބިއްޔަތު ގެއްލި ޖުމުލަ ގޮތެއްގައި ރާއްޖޭގެ ގިނަ ހިސާބު ތަކުން އެމްޑީޕީ ބަލިވުމުގެ ޒިންމާ ޕާޓިގެ ލީޑަޝިޕަށް އަމާޒުވަމުން އެބަދެ އެވެ. ޚާއްސަކޮށް އެޕާޓިގެ ކުރީގެ އިސް ފަރާތްތަކުން މިވާހަކަ ދެއްކުމަށް އަވަސްވެގަތެވެ. އެޕާޓީ އުފެއްދުމުމުގައި އިސްރޯލެއް އަދާ ކުރެއްވި ޕާޓިގެ ރައީސް އިބްރާހިމް އިސްމާއީލް ޓުވިޓާ ގައި ވިދާޅުވި ގޮތުގައި "ތަގުދީރު ވެސް ހިނިތުންވާނީ ރަނގަޅު ތަދުބީރެއް ކުރާ މީހަކަށެވެ.

އެމްޑީޕީގެ ލީޑަރޝިޕަށް ޚާއްސަ ކޮށް ރައީސް ނަޝީދަށް އަމާޒުކުރައްވައި އިބުރާ ވިދާޅުވީ "ޕާޓީތަކުގެ ވޯޓު ފޮށީގައި ޕާޓީގެ ރައީސް އަތް އެޅީމާ މެންބަރުން ދެން ޖެހޭނީ އީސީ ވޯޓުފޮށިން އަޑު އިއްވަން" ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީގެ ދޯދިޔާ ކަމާއި ޕާޓިގެ އިސް މަގާމުތަކުގައި ރައީސް ނަޝީދުގެ ނުފޫޒު ހިސާބަށް ވުރެ ގަދަކަމަށް ފަހަކަށް އައިސް އަޑު އުފުލަމުން އަންނަ އިބުރާހިމް އިސްމާއިލް ވަނީ އެމްޑީޕީގެ ސަރުކާރެއް އޮވެ މަޖިލީހުގެ 75 ޕަސެންޓް އޮވެ ބަލިވީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތި ލައްވައި ނާކާމިޔާބާއި ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވި އަނަސް އަބްދުއްސައްތާރު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީ ގެންގުޅުނު އުސޫލުތައް ގޯހެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް އާ "ސްޓްރެޓެޖީ" އެއް ބޭނުންވާ ކަމުގައި ބަލި ގަބޫލު ކުރައްވަމުން ކުރެއްވި ޓުވީޓުގައި އަނަސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވަނީ. ފޮޓޯ: ރައީސް އޮފީސް

އަނަސް އަކީ ފާއިތުވެ ދިޔަ ދެ އިންތިޚާބުގައި ވެސް އެމްޑީޕީގެ ސެކްރެޓަކީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކާމިޔާބު ތަކެއް ހޯއްދަވައި ދެއްވި ބެފުޅެކެވެ. މިފަހަރުގެ އިންތިޚާބަށް އަނަސް ނުކުމެ ވަޑައިގަތީ ޕާޓީގެ ރައީސް ނަޝީދު ކުރީގައި ބަހައްޓަވައިގެންނެވެ. އެހެންކަމުން އަނަސްގެ ޓްވީޓް ގައި އިޝާރާތް ކުރެއްވި ބަދަލު ކުރަން ޖެހޭ "ސްޓްރެޓެޖީ"އަކީ ނަޝީދު ކަމަށް ބެލެވެ އެވެ.

މިފަހަރުގެ އިންތިޚާބު ބޯމަތި ވެގެން އައި އިރު އެމްޑީޕީ ގެތެރޭގައި އެންމެ އަޑުގަދަކޮށް އިވެމުން ދިޔަ އަޑައަކީ ކެބިނެޓުގެ ބައެއް މިނިސްޓަރުންނާ ދިމާކޮށް ޖެއްސުން ކުރުމުގެ ގޮތުން ޕާޓީގެ ރައީސް ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކާއި އެކަމުގެ ކޯޅުމުގެ އަޑެވެ. މިހަމަލާ ތައް އެންމެ ހޫނުކޮށް އަމާޒުވަމުން ދިޔަ އިކޮނޮމިކް މިނިސްޓަރު ފާއްޔާޒު އިސްމާއީލް ވެސް ވަނީ އިންތިޚާބުން ބަލިވުމުގެ ޒިންމާ ޕާޓިގެ ލީޑާޝިޕަށް ރައްދު ކުރައްވާފަ އެވެ.

އެމަނިކުފާނު ސިފަކުރައްވާ ގޮތުގައި ޕާޓިގެ އެތެރޭގެ ބައިބައި ވުމަކީ މި އިންތިޚާބު ނާކާމިޔާބު ވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބެވެ.

ގިނަބަޔަކާ ޚިލާފަށް އެމްޑީޕީގެ ރައީސް އިންތިޚާބުން ބަލިވި ކަމަކަށް ގަބޫލެއް ނުކުރައްވަ އެވެ. އެމަނިކުފާނުގެ ޓްވީޓުގައި ވަނީ "އެލްއީސީގައި އެމްޑީޕީ ހޯދި ކާމިޔާބީ އަށް ވަރަށް ބޮޑަށް މަރުހަބާ" ވިދާޅުވެފަ އެވެ. އިންތިޚާބުގައި 1000 ގޮނޑިއާ އެކު ހަތަރު ކައުންސިލް ގެ މެޖޯރިޓި ނަންގަވާނެ ކަމަށާއި ޕީޕީއެމް ތިން ބަލި ކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދެވި އެމްޑިޕީގެ ރައީސް މިހެން ވިދާޅުވި ކަމުގައި ވިޔަސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީ ވަނީ ބޮޑު ބައްޔަކުން ބަލިވެފަ އެވެ.

ޕީޕީ އެމަށް ލިބުނު ކާމިޔާބު

ދެހާސް ސަތާރަ ވަނަ އަހަރުގެ ބޭއްވުނު ރިޔާސީ އިންތިޚާބުން ބަލިވުމަށްފަހު ޕާޓީގެ ރައީސް ޔާމީނަށް ޖެހިވަޑައިގެންނެވީ މަނީ ލޯންޑަރިން ގެ މައްސަލައެއްގައި ޖަލަށް ވަޑައިގަންނަވާށެވެ. ލީޑަރެއް ނެތްކަމުގެ ހީނަރުކަމުގެ ތެރޭގައި ކުރިމަތިވި އާންމު އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަރަށް ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހުނެވެ. އެ ހިތްދަތިކަމުގައި އޮވެ ޕީޕީއެމްޕީއެންސީން މިފަހަރުގެ އިންތިޚާބަށް ނުކުތީ އެމްޑީޕީ އަތުން ތިންބަލި ނުވެ ސަލާމަތް ވެވޭތޯއެވެ. ފަނޑުވަމުންދިޔަ ޕާޓީގެ ރޫހަށް އަލުން ދިރުމެއް ގެނެސް ދެވޭތޯ އެވެ. އެކަމަށްޓަކައި އެ ކޯލިޝަނުން އެންމެ ބޮޑު ސަމާލުކަމެއް ދިންތަން ފެނުނީ މާލޭގެ މޭޔަރު ކަމުގެ ގޮނޑިއަށެވެ.

ޒަމާނުއްސުރެ އެމްޑީޕީން ރަސްކަން ކުރަމުން އައި މި ގޮނޑިޔަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިމަތިލެއްވީ ވަރަށް ގިނަ ގޮން ޖެހުންތަކަކާ އެކު އެވެ. އެކި މައްސަލަ ތަކުގެ ތުހުމަތުގައި ފުލުހަށާއި އޭސީސީ އަސް ހާޒިރު ކޮށް ދެންމެ ދެންމެ ބަންދު ކޮށްފާނެ ކަމުގެ ބިރު މުއިއްޒަށް އޮތެވެ. އެ ހުރިހާ ގޮންޖެހުންތަކަކާ އެކުވެސް ހަރުދަނާ އިންތިޒާމު ތަކަކާ އެކު މޮޅަށް ރޭވިގެން ކުރެވުނު ކެމްޕޭނެއްގެ ނަތީޖާއެއްގެ ގޮތުން މާލެގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރައްވައި މުއިއްޒު ވަނީ ތާރީޚީ ކާމިޔާބެއް ހޯއްދަވާފަ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު.

މާލެގެ މޭޔަރު ކަމުގެ އިތުރުން މާލޭ ސިޓީގެ އަޣުލަބިއްޔަތާއި މުޅި ރާއްޖެއިން ވެސް ތަފާތު ބޮޑު ކާމިޔާބެއް ހޯދުމުން ޕީޕީއެމް/ޕީއެންސީ ގެ ކޯލިޝަނަށް ވަނީ ވަނީ އުފާވެރި އީދެއް އައިސްފައެވެ.

އިދިކޮޅަށް ލިބުނު ކާމިޔާބީގެ ފައިދާއެއް ކުރާނެތަ؟

ސަރުކާރާ މަޖްލިސް އެމްޑީޕީ އަށް އޮވެ ކައުންސިލް ތައް އިދިކޮޅަށް ދިއުމުން އެ ފަދަ ކައުންސިލް ތަކަށް މާ ބޮޑު ނަތިޖާއެއް ނުނެރެވޭނެ ކަމަށާއި ސަރުކާރުގެ ޕްރޮޖެކްޓް ތައް ހިންގުމަށް އެމްޑީޕީ ގެކައުންސިލެއް ބޭނުންވާނެ ވާހަކަ އަކީ ކެމްޕޭނުގައި ސަރުކާރާއި އެމްޑީޕީން އެންމެ އަޑުގަދަ ކޮސް ދެއްކި އެއް ވާހަކަ އެވެ.

މާލެއަށް އަލަށް އިންތިޚާވި މޭޔަރު ޑރ. މުއިއްޒު ވިދާޅުވިގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ނަތީޖާ ނެރެދެއްވުމެވެ. ބުރަކޮށް މަސައްކަތް ކުރައްވައި މާލޭގެ ރައްޔިތުން އުފާ ކޮށް ދެއވާނެ ކަމުގައި ވިދާޅުވަމުން މުއިޒު ވަނީ މާލޭގެ ރައްޔިތުންގެ ހެވަށް ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ސަރުކާރާ އެކު މަސައްކަތް ކުރައްވާނެކަމަށާއި އެނޫން ކަންކަމުގައި މާލޭގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލަވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ފޯރިގަދަ ކުރިމަތި ލުމަކަށްފަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބު ނިމިގެން މިދިޔައީ ހެޓްޓްރިކް ހަދައި މޮޅުވާނެކަމުގެ ގަދަ ބަސް ބުނަމުން ދިޔަ އެމްޑީޕީ އަށް ބޮޑުވެގެންވާ ނާކާމިޔާބަކާ ކުރިމަތި ވެގެންނެވެ. ގޮންޖެހުންތަކަކާއެކު އުނދަގޫ ކެމްޕެއިނެއްގެ ތެރެއިން އިދިކޮޅު ޕީޕީ އެމް/ޕީއެންސީ އަށް ބޮޑު ކާމިޔާބެއް ލިބިގެންނެވެ. އިންތިޚާބުގެ ނަތީޖާ އިދިކޮޅުން ފާޅުކުރަމުންދާއިރު އެމްޑީޕީގެ އެތެރޭގެ ލީޑާޝިޕާއި ރޭވުން ބަދަލު ކުރަން ޖެހޭކަމުގެ އަޑު އަންނަނީ ގަދަވަމުންނެވެ.