ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ގިނަ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން އަސަރު ކުރާތީ އިދިކޮޅު ޕާޓީ, އެމްޑީޕީން ފޮނުވި ސިޓީއަށް ޖަވާބު ދެއްވައިފައި ނުވާތީ, އެމްޑީޕީގެ މަޖިލީހުގެ މެންބަރުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާ ބައްދަލުކުރުމަށް، އެމްއެމްއޭއަށް ވަޑައިގެންފި އެވެ.

ހުއްޓުމެއް ނެތި ޑޮލަރުގެ އަގު މައްޗަށް ދާ މި މައްސަލައިގައި މުނައްވަރާ ބައްދަލުކުރަން އެދި އެމްޑީޕީގެ މަޖިލީހުގެ އެމްޑީޕީ ޕީޖީގައި ހިމެނޭ 12 މެންބަރުން ވަނީ އެމްއެމްއޭއަށް ވަޑައިގެންފަ އެވެ، މައުލޫމާތު ލިބުނުނު ގޮތުގައި ގަވަރުނަރު އަދި މިހާތަނަށް އެބޭފުޅުންނާ ބައްދަލުކޮށްފައެއް ނުވެ އެވެ.

މެންބަރުންގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މިދިޔަ ބުދަ ދުވަހު ވަނީ ގަވަރުނަރަށް ސިޓީއެއް ފޮނުއްވާފަ އެވެ.

އެމްޑީޕީން ގަވަރުނަރަށް ފޮނުވި އެ ސިޓީގައި ބުނެފައިވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒު ނުކުރެވޭތީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓު އެމްއެމްއޭއަށް ނަގަން ފެށުމުން މުދާ އެތެރެކުރާ މީހުންނަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދޭ ޑޮލަރު ވެސް ލިބުން ހުއްޓުމަކަށް އަންނަން ފަށާފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ޑޮލަރުގެ އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީ ޕީޖީއާ ބައްދަލުކުރުމަށް އަވަސް ފުރުސަތެއް ދެއްވުމަށް އެ ސިޓީގައި މުނައްވަރުގެ ކިބައިން އެދިފައިވެ އެވެ. ނަމަވެސް އެ ސިޓީއަށް މުނައްވަރު ޖަވާބެއް ދެއްވާފައިނުވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ހުރިހާ މަޖިލިސް މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާއަށް ފަހު މިއަދު އެމްއެމްއޭގެ އޮފީހަށް ވަޑައިގެންފަ އެވެ.

އެމްޑީޕީން މިއަދު ފޮޓޯއަކާއެކު "އެކްސް"ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅު ނުވެ ހުންނެވުމާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާތީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރަން އެދުނު ސިޓީއަށް ޖަވާބެއް ދީފައި ނުވާތީ އެމްޑީޕީގެ ޕީޖީ މިވަގުތު ތިބީ ގަވަރުނަރު ހޯދަން މަރުކަޒީ ބޭންކުގައި ކަމަށެވެ.

މިފަހުން ގިނަ ބަޔަކު ވަނީ މި ވަގުތު އޮތް އިގުތިސޯދީ ހާލަަތުން އަރައިގަތުމަށް މަނިޓަރީ ޕޮލިސީ ބަލަހައްޓަވާ ގަވަރުނަރު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކޮށްފަ އެވެ.

އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށްވުރެ މަތިވެފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް މީރާ ގެ ތަފާސްހިސާބުތަކުން ވެސް ވަނީ ހާމަވެފަ އެވެ.