ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. ހޮޅުދުއަށް ވަޑައިގެން، އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ އާއިލާއާ ބައްދަލުކުރައްވައިފި އެވެ.

ޒަހަމްތަކަކާއެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ރައީސް މިއަދު ހަވީރު ހޮޅުދުއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ވަނީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި އިހްތިޖާޖު ވެސް ކޮށްފަ އެވެ.

ރައީސް މުއިއްޒު ޒަކިއްޔާގެ އާއިލާއާ ބައްދަލުކުރެއްވި ފޮޓޯތައް ރައީސް އޮފީހުން ވަނީ މީޑިއާތަކާ ހިއްސާކޮށްފަ އެވެ. މި ބައްދަލުވުމުގައި ޒަކިއްޔާގެ އާއިލާގެ ފަރާތުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ދެކެވުނު ވާހަކައެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ޒަކިއްޔާގެ މަރާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ޑޮކްޓަރު ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތައް ކަމަށެވެ. އަދި އެ ޒަހަމްތަކަކީ އަމިއްލައަށް ދީފައިވާ ޒަހަމްތަކެއް ކަމަށް ޑޮކްޓަރު ބުރަވާ ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ.

"އެހެންކަމުން މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ޒަކިއްޔާއަށް ލިބިފައިވާ އަނިޔާގެ ޒަޚަމްތަކަކީ ނުވަތަ ޒަކިއްޔާ މަރުވެފައިވަނީ އިތުރު އެއްވެސް ފަރާތެއްގެ އަމަލެއްގެ ސަބަބުން ދޭހަކޮށްދޭނެ އެއްވެސް ހެއްކެއް ފެންނަން ނެތުމާއެކު އެ މައްސަލާގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަން އަޅުގަނޑު ފާހަގަކޮށްލަން،" ސާމިހު ވިދާޅުވިއެވެ.

ޒަކިއްޔާއަށް ތޫނުއެއްޗަކުން އެހެން އެއްވެސް މީހަކު ހަމަލާދިން ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ.