ދިވެހި ރާއްޖެ ސިފަކުރަން އެންމެ އަތްމަތީ ބަހަކަށް އޮންނާނީ "ދުނިޔެމަތީގެ ސުވަރުގެ" އެވެ. ރިތިކަމާއި ހިތްފަސޭހަ ކަމުގެ މިސާލެއް ނެތްފަދަ ތަނަކަށް ވާތީ އެވެ. އެފަދަ ތަނަކަށް ގޮސް ހިތް ހަމަ ޖައްސާލުމުގެ ފުރުސަތު ލިބޭނީ ވެސް ފިސާރި ތަނަވަސްކަން ހުރި މީހަކަށެވެ. ދުނިޔޭގެ ފެންވަރުގެ އެންމެ އަގު ބޮޑު ހޮޓާ ތަކާއި ރިސޯޓްތައް ދިވެހި ރާއްޖޭގައިވެ އެވެ. ރެކޯޑް އަގުތަކުގައި އެތަންތާގައި ޗުއްޓީ ހޭދަ ކޮށްލުމަށް ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުން އާދެ އެވެ. މިކަން މިގޮތަށް އޮންނަތާ ފަންސާހަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ. އެހެނަސް ރާއްޖެއަކީ އަދިވެސް ފަގީރު ގައުމެކެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

ދިވެހި ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ސޮނެވާފުށި އުފެދުނު ގޮތުގެ ވާހަކަ ރާއްޖޭގެ ނޫހަކުން ކިޔާލުމުގެ ފުރުސަތު ލިބުނެވެ. ރިސޯޓުގެ ވެރިފަރާތް ކަމުގައިވާ ސޯނޫ ސިވްދަސާނީ އާއި އޭނާގެ އަންހެނުން އީވާ އިނގިރޭސި ވިލާތުގެ އޮކްސްފަޑް ޔުނިވާސިޓިއިން ކިޔަވައި ނިމުމަށްފަހު ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އަ އެވެ. އެ ހިސާބުން ރާއްޖޭގެ ރީތިކަމާ ހިތްގައިމު ކަމާހެދި ރާއްޖޭއިން ދިއުމަކަށް އެމީހުންގެ ހިތެއް ނުރުހުނެވެ. އެކަމަށްޓަކައި އެތައް މަސައްކަތެއް ކޮށްގެން ރާއްޖެއިން ރަށެއް ހޯދައި އެރަށުގައި ރިސޯޓެއް ހޯދުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް އުފުލަން ޖެހުނު ބުރަޔާއި އެންމެ ފަހުން އެގޮންޖެހުންތަކުން އަރައިގަނެވުނު ގޮތުގެ ވާހަކަ ވެސް ވަރަށް ތަފުސީލު ކޮށް ލިޔެފައިވެ އެވެ. މިއަދު ސޮނެވާ ޖާނީއަކީ ރާއްޖޭގެ އެންމެ އަގޮބޮޑު އެއް ރިސޯޓެވެ. ސޯނޫގެ ދެމަފިރިންނަކީ ބޮޑު ދެމަހުޖަނުންނެވެ. އޭނާގެ ރިސޯޓުގައި ދިވެހިން އާދައިގެ ވަޒީފާތަކުގައި އެބަ ތިއްބެވެ.

އެހެން ވާހަކަ އެވެ. ބަންގްލަދޭޝް މަސައްކަތު މީހުން ރާއްޖެ އަންނަނީ ވަރަށް ހާލުންނެވެ. ރަށުގައި ތިބޭ އެޖެންޓުންނަށް އެތައް ސަތޭކަ ޑޮލަރެއް ދައްކަން ޖެހެ އެވެ. އެ ފައިސާ ހޯދުމަށް އެތައް އަހަރަކު މަސައްކަތް ކުރަން ޖެހެ އެވެ. ނުވަތަ ރަށުގައި ހުންނަ ގެދޮރު މޯގޭޖް ކޮށްފައި ލޯނު ނަގަ އެވެ. ނޫންނަމަ ދަނޑުބިންތައް ވިއްކާލަ އެވެ. އެހާ ހާލުން ރާއްޖެ އަންނަނީ ކުޑަ ކުޑަ މުސާރަ އަކަށެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މީހުންގެ ރަށުގައި ނުވަތަ ރާއްޖޭގައި އަމިއްލަ ވިޔަފާރި ފަށަ އެވެ. ބަލަބަލާ ތިއްބާ ބޮޑެތި މުއްސަނދިންނަށް ބަދަލުވެ އެވެ. ގިނަފަހަރަށް އެ މީހުން ރާއްޖެ ގެންނަ ދިވެހިން ތިބެނީ ހަމަ ތިބި ފެންވަރުގަ އެވެ.

މީގެ 419 އަހަރު ކުރިން ރާއްޖެއަށް އުރުނު ފަރަންސޭސި ނައު، ކޯބިން އިން ރައްޖެ އައިސް ރާއްޖޭގައި އެތައް އަހަރަކު ދިރި އުޅުނު ފަރަންސޭސި ރައްޔިތެއްކަމުގައިވާ ޕިރާޑު ރާއްޖެއާ ބެހޭގޮތުން ލިއުނު ފޮތުގައި ރާއްޖޭގައި "އެއްޗެތި ގިނަކަމާއި ފަގީރު ކަމުގެ" ވާހަކަ ބަޔާންކުރެ އެވެ. އެފޮތުގައިވެ އެވެ.

"ދިވެހި ރާއްޖޭގައި ދިރިއުޅުމުގެ ޚަރަދު ކުޑަކަމާއި ފަސޭހަކަމާއި އެތަނަށް ބޭރުން ގޮސް ވިޔަފާރި ކުރާ މީހުން މުއްސަނދި ވަމުން އަންނަލެއް އަވަސްކަމާ އަޅާބަލާއިރު މުޅި އިންޑިޔާގައި ވެސް އެފަދަ ތަނެއް ނެތެވެ. އެހެނަސް ޕިރާޑް ބަޔާންކޮށްފައިވާ ގޮތުގައި ދިވެހިންގެ ދޫމަތީ ބަހެއްގެ ގޮތުގައި ބުނެ އުޅެނީ "މިތަނަށް ބޭރުން އަންނަ ވިޔަފާރިވެރިން ކިތަންމެ ވަރަކަށް މުއަސަނދި ވަމުން ދިޔަނަމަވެސް އަހަރެމެން ތިބޭނީ ފަގީރުކަން މަތީގަ އެވެ."

ދެން އޮތީ ޕިރާޑު ދެކޭގޮތުގައި އެކަން އެހެން ވާންޖެހޭ ސަބަބެވެ، ޕިރާޑް ލިޔެފައިވެ އެވެ.

"އަހަރެންގެ އަމިއްލަ ޚިޔާލުގައި އެހެން އެކަން ވުމުގެ ސަބަބަކީ ދިރި ދުނިޔޭގައި އުޅެން ފަސޭހަކަމުން އެތާނގެ މީހުން އެކަމަށް ފަރުވާކުޑަވެ ކަންނެތް ވުމެވެ. އާނއެކޭ އެބައި މީހުންގެތެރޭ ގިނައީ ބަނޑުފުރާނަ މުއްތިކޮށްލުމުގެ މިންވަރު ހޯދުން ފިޔަވައި އެއްވެސް ކަހަލަ އެމްބިޝަނެއް އަދި އެދުމެއް ނެތް މީހުންނެވެ. އެމީހުން އަމިއްލަޔަށް މުއްސަނދިވެ މަތިވެރިވުމަށް ނޭދޭ ސަބަބަކީ މިއެވެ،"

ޕިރާޑަކީ މީގެ ހަތަރުސަތޭކަ އަހަރު ކުރިން ރާއްޖެއެކޭ އެއްފަދައިން އިންޑިއާއި ދުނިޔޭގެ ވަރަށްގިނަ ގައުމުތަކެއްގައި އުޅެފައި ހުރި ތަޖުރިބާކާރު ލިއުންތެރިއެކެވެ.

ދިވެހި ރާއްޖޭގެ ފުރަމާލޭގެ ކޮއިލު ތެރޭގެ އެންމެ އެތެރެއާއި ރާއްޖޭގެ ހުރިހާ ރަށް ރަށެއްގެ މީހުންގެ ދިރިއުޅުމާ އާދަކާދަ ދެކެ ތަޖުރިބާ ކޮށްފައި ހުރި މީހެކެވެ. ޕިރާޑްގެ ނަޒަރުގައި އޭރުގެ ދިވެހި ރާއްޖެ އަކީ އިންޑިޔާގެ އެހެން ހުރިހާތަނަކަށް ވުރެ ވެސް ވިޔަފާރި ކޮށް މުއްސަނދިވާން ފަސޭހަ ތަނެކެވެ. ނަމަވެސް އޭރު ވެސް ދިވެހިން ތިބީ ފަގީރުކަން މަތީގަ އެވެ. އޭގެ ހަތަރު ސަތޭކަ އަހަރުފަހުން މިހާރު ވެސް ދިވެހި ރާއްޖެއަކީ ރާއްޖެއިން ބޭރު އެތައް ބަޔަކު އައިސް ފަސޭހައިން މުއްސަނދި ވާ ގައުމެކެވެ. އެކަމަކު ރާއްޖެ އަދިވެސް އޮތީ ހަމަ ފަގީރު ގައުމެއްގެ ގޮތުގަ އެވެ.

ސަބަބަކީ ޕިރާޑު ލިއުނު ގޮތް ކަމުގައި މިހާރު ނުވެދާނެ އެވެ. ނަމަވެސް ދުނިޔެމަތީގެ ސުވަރުގެ ކަމުގައިވާ ދިވެހި ރާއްޖެ އަދިވެސް ގުނެނީ ފަގީރު ގައުމުތަކުގެ ލިސްޓުގަ އެވެ.