ބޮލީވުޑްގެ ތަރި އިޝާން ޚައްތަރުއަކީ ބޮލީވުޑްގައި މިހާރު ހަރަކާތްތެރިވާ ޒުވާން ތަރިންގެ ތެރެއިިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެއް ތަރި އެވެ.

އިޝާންއާއެކު ބޮލީވުޑްގައި ހަރަކާތްތެރިވާ ތަރިންގެ ލޯބީގެ ހަޔާތާއި ޒާތީ ދިރިއުޅުމުގެ ވާހަކަ މީޑިއާގައި ވަރަށް ގިނައިން ދެކެވުނު ނަމަވެސް އިޝާންގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން އެނގެނީ މަދު ކަމެކެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އިޝާން ވަނީ ޒާތީ ދިރިއުޅުމުގައި ވަކި ވަރެންގެ "ޕްރައިވަސީ"އެއް ގެންގުޅުމުގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

މެލޭޝިއާގެ މޮޑެލްއެއް ކަމަށްވާ ޗާންދްނީ ބިއަންޒްއާއި އިޝާން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އެރި ނަމަވެސް އެކަން އިޝާން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އެހެން ނަމަވެސް އެ ދެމީހުން އެކުގައި ބޭރު ތެރެއިން ވަރަށް ގިނައިން ފެންނަމުންދާތީ އެއީ ހަގީގަތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އިޝާން އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން ބުނީ ކެމެރާގެ ކުރިމަތީގައި އޭނާ އެކްޓު ކުރަނީ ކަމަށާއި އަމިއްލަ ދިރިއުޅުން އުޅެނީ ކެމެރާ ކުރިމަތީގައި ނޫން ކަމަށެވެ.

އެގޮތުން އޭނާގެ ޒާތީ ދިރިއުޅުން ފަރުދާގެ ފުރަގަހުގައި ގެންގުޅުމަކީ ބައިވެރިޔާއަށް އިހުތިރާމު ކުރުމުގެ ގޮތުން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އިޝާން ބުންޏެވެ.

އިޝާންގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސްގެ ކޮމެޑީ "ދަ ރޯޔަލްސް"ގައި އަވިރާޖް ސިންހްގެ ރޯލުންނެވެ.