ކުރިން މާލޭގެ މަގުތަކުގައި ފެން ބޮޑުވާ ގޮތަށް މިހާރު ފެން ބޮޑު ނުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މޭޔަރު އާޒިމް އެހެން ވިދާޅުވީ ކައުންސިލްތަކުން ބާއްވަން، ގާނޫނުގައި ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީގެ މަސައްކަތާ ހަވާލުވިއިރު، މުޅީން ވެސް، އޮހެމުން ދިޔައީ ޝަކުވާ ކަމަށާއި އަދި ބަލަމުން އައީ ޝައުގުވެރިކަމެއް ނެތި، ވައްކަޅިން ކަމަށެވެ. އަދި ރައްޔިތުން ކައުންސިލުގެ، މަސައްކަތްތަކާއި ހިދުމަތްތަކާ މެދު، ކުރަމުންދިޔައީ ނާ އުންމީދީ ތަސައްވުރެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ކައުންސިލުގެ މި ދައުރުގެ އެންމެ ފަހު އަހަރުގެ، ފުރަތަމަ ހަމަސް ނިމިގެންދާއިރު، ރައްޔިތުންނާ ގާތުން ހިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމުގެ، ހިތްހަމަޖެހުމާއި އެފަދަ އުފާވެރި ޝުއޫރުތައް، މިއަދު އާންމުންގެ ފަރާތުން ލިބެމުންދިއުމަކީ ނުހަނު އުފާކުރާކަމެއް ކަމަށެވެ. އެންމެންގެ މަސައްކަތުން، ކުރީގެ ނާއުއްމީދީ ތަސައްވުރު އެވަނީ އުއްމީދީ ތަސައްވުރަކަށް ބަދަލު ކުރެވިފައި ކަމަށް، އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ގުޅިފައިހުންނަނީ، މާލޭގައި ދިރިއުޅުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކުރިމަތިވާ އުނދަގޫތަކާ ކަމަށާއި، އެ ގޮތުން މަގުތަކުގެ ކާނުތައް ސާފު ނުކޮށްހުރުމުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުން އެއީ، ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ނަމަވެސް، ކާނުތައް ސާފުކުރުމަށް ފެށި ހާއްސަ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިޔަށް ގޮސް، މިހާރު ނިމުމަކާ ކައިރިވެފައިވުމުން، ވާރޭވެހޭ ކޮންމެ ފަހަކު، ކުރިން މާލޭގެ މަގުތަކުގައި ފެން ބޮޑުވާގޮތަށް މިހާރު ފެން ބޮޑު ނުވާނެކަމަށް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މިހާރު މާލޭގައި ފެންބޮޑު ވުމަށް ހައްލެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކުރިން ފެންބޮޑުވުމުން މަގުތަކުގައި ފެން ހިންދަން ހަރަކާތްތެރިވާ އެމްއެންޑީއެފް ބޭފުޅުން ވެސް މިހާރު ތިއްބަވާނީ ގޭގައި ކަމަށް އާޒިމް ވިދާޅުވި އެވެ.