ދަރިމައިވުމަށް ބޭނުންވާ މައިގަނޑު ދެ ބައި ކަމަށްވާ ފިރިހެނާގެ ދަރިފަންޏާއި އަންހެނާގެ ދަރި ބިހާނުލާ އިންސާނީ ނަސްލު ދެމެހެއްޓޭނެ ގޮތެއް އޮތްތޯ ސައިންސްވެރިން ދިރާސާކުރަން ފަށައިފި އެވެ.

އެގޮތުން އިންސާނުންގެ ސްޓެމް ސެލް ބޭނުން ކޮށްގެން ކްލިނިކަލް ގޮތުން ލެބޯޓަރީގައި "ހިއުމަން އެމްބްރިއޯ"އެއް ތަރައްގީ ކުރަން އެ ފަރާތްތަކުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

އެގޮތުން މިފަދަ ހިއުމަން އެމްބްރިއޯއެއްގެ މޮޑެލް މިހާރު ތަރައްގީ ކުރެވިފައިވާއިރު އެ މޮޑެލްތަކުގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ގިނަ ކަންކަން ހުރި ކަމަށް ސައިންސްވެރިން ބުނެ އެވެ.

އެހެން ނަމަވެސް އިތުރު ދިރާސާތަކާއި މަސައްކަތްތަކާއެކު މިއީ ކާމިޔާބު ކުރެވިދާނެ ކަމެއް ކަމަށް އެ މަސައްކަތުގައި އުޅޭ ސައިންސްވެރިން ފާހަގަކުރެ އެވެ.

މި ދިރާސާއާއެކު އިންސާނީ ނަސްލު ދެމެހެއްޓުމާއި ދަރިމައިވުމުގެ މައްސަލަތައް ދިމާވާ ސަބަބުތައް ހޯދުމުގައި ކުރިއެރުންތަކެއް ލިބޭނެ އެވެ.

ސްޓެމް ސެލް ބޭނުން ކޮށްގެން އިންސާނުން އުފަން ކުރުމަށް ކުރާ މަސައްކަތް ބާރަށް ކުރިއަށް ދިޔަ ނަމަވެސް އެ މަސައްކަތުގައި ގާނޫނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ.

"ސައިންސް މިހާ ބޮޑަށް ކުރިއަރައިގެން ދާނެ ކަމަށް އަހަރުމެން ދުވަހަކު ވެސް ހިއެއް ނުކުރަން" ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިއެއް ކަމަށްވާ އެމެންޑާ ކްލާކް ވިދާޅުވި އެވެ.

މި މަސައްކަތް ކާމިޔާބު ވެއްޖެނަމަ އިންސާނީ ނަސްލު ނެތިއްޖެ ހާލަތެއްގައި އަލުން އެ ނަސްލު ދިރުވުމަށް މަގުފަހިވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.