އެތައް މިލިއަން ޑޮލަރގެ ބޮންޑެއް ހުށައެޅުމުން ވެސް މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސޯން ޑިޑީ ކަފާލާތުގެ ދަށުން މިނިވަނެއް ނުވި އެވެ.

ޑިޑީގެ ގާނޫނީ ޓީމުން ވަނީ އެންމެ ފަހުން ބޭއްވި ކަފާލާތުގެ އަޑުއެހުމުގައި އޭނާ މިނިވަން ކުރަން 50 މިލިއަން ޑޮލަރުގެ އަގުބޮޑު ބޮންޑެއް ހުށައަޅާފަ އެވެ. އެއާއެކު ވެސް ފަނޑިޔާރު ވަނީ ޑިޑީގެ އެ ހުށައެޅުމަށް އިންކާރު ކޮށްފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޑިޑީގެ ކަފާލާތުގެ ހުށައެޅުން ގަބޫލު ކޮށްފައި ނުވަނީ މިނިވަން ވެއްޖެ ނަމަ ޝަރީއަތަށް ފިލަން މަސައްކަތް ކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

މިއާއެކު މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ފުލުހުންގެ ހައްޔަރުގައި ހުރި ޑިޑީ ހުންނަން ޖެހޭނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

އޮރިޔާން ކާޑު ގެންގުޅުމާއި އެ ނޫން ވެސް ޖިންސީ ކުށްތަކެއްގައި ދައުވާ އުފުލިފައިވާ ޑިޑީ ވަނީ އޭނާގެ މައްޗަށް ކުރި ޓްރެފިކިންގެ ދައުވާއިން ސަލާމަތްވެފަ އެވެ.

އެހެން ނަމަވެސް އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް މަދުވެގެން ދިހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ މަހު އޮތް ޝަރީއަތުގެ އަޑުއެހުމަށްފަހު ޑިޑީގެ ވަކީލުން އަންނަނީ ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރަން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.