މަޝްހޫރު އިނގިރޭސި އެކްޓަރެއް ކަމަށްވާ އެމާ ތޮމްޕްސަންއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލޯބި ހުށައެޅި ކަމަށް އެމާ ބުނެފި އެވެ.

ސްވިޓްޒަލޭންޑުގައި އޮތް ލޮކާނޯ ފެސްޓިވަލްގައި ވާހަކަ ދައްކަމުން އެމާ ބުނީ ރޭގަނޑުގެ ކެއުމަކަށް ޓްރަމްޕް އޭނާއަށް ދިން ދައުވަތު ގަބޫލުކުރި ނަމަ އެމެރިކާގެ ތާރީހު ތަފާތު ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެމާ ބުނީ އޭނާގެ ކުރީގެ ފިރިމީހާ ކެނެތު ބްރެނެގްއާ ވަރިވި ދުވަހު ޓްރަމްޕްގެ ފޯނު ކޯލެއް ލިބުނު ކަމަށާއި ޓްރަމްޕްގެ ރީތި ގެއަކަށް އައުމަށް އޭނާއަށް ދައުވަތު ދިން ކަމަށެވެ.

"އަހަރެން ހީކުރީ އެއީ ފުރަތަމަ ޖޯކެއް ކަމަށް. ދެން އެނގުނީ އެ ދުވަސްވަރަކީ ޓްރަމްޕްގެ ވެސް ކައިވެނި ރޫޅި ބައިވެރިއަކު ހޯދަމުން ދިޔަ ދުވަސްވަރެއްކަން" އެ ހާދިސާ ކިޔައިދެމުން އެމާ ބުންޏެވެ.

އެމާ އިތުރަށް ބުނީ އެ ދައުވަތުގެ ޖަވާބުގައި އޭނާ ޓްރަމްޕްއަށް ޝުކުރު އަދާކޮށް ފަހުން ޖަވާބެއް ދޭނެ ކަމުގައި ބުނި ކަމަށެވެ. އެހެން ނަމަވެސް ފަހުން އެކަމާ ނޫޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާރު އުމުރުން 66 އަހަރުގެ އެމާ އޭގެ ފަހުން ގްރެގް ވައިސްއާ ކައިވެނި ކުރިއިރު ޓްރަމްޕް ފަހުން ކައިވެނިކުރީ މިލޭނިއާ ޓްރަމްޕްއާ އެވެ.