ބޭންކް އޮފް މޯލްޑިވްސް އާއި ނެޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި މާސްޓާކާޑް ގުޅިގެން ސްޓްރެޓީޖިކް އެސްބަސްވުމެއްގެ ދަށުން، 'މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމް' ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އިފްތިތާހުފި އެވެ.
މިއީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމް އިތުރަށް ހަލުވިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ރާވާފައިވާ މި ސްޓްރެޓެޖިކް ޕްރޮގްރާމްގެ މަގްސަދަކީ، ދިވެހި ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތަކަށް ފަހި ރާއްޖެ އަށް ބިނާ ކުރުމުގެ ތަސައްވުރަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.
ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް އެކުލަވާލުމަށް އެހީތެރިވެދިނުމާއި ރައްކާތެރި އަދި ފުރިހަމަ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަކީ ވެސް އެކަމުގެ މަގްސަދެކެވެ.
މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ މަސައްކަތްތައް
އިތުރު ޚިދުމަތްތަކާއެކު ރައްކާތެރިކަން އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީ ކުރުން
އޭއައި ބޭނުންކޮށްގެން ސައިބާސެކިއުރިޓީ ވަރުގަދަކުރުން
- ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު އިތުރަށް ފުޅާކޮށް، ސަރުކާރުންދޭ ޚިދުމަތްތަކާއި މުހިންމު އެހެން ދާއިރާތަކުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން
- ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް މިހާރަށް ވުރެ ފަސޭހަކޮށް ޒަމާނީ ކުރުން
- ފަތުރުވެރިކަމުގެ ސިނާއަތާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާ އެހެނިހެން ދާއިރާތަކަށް، އަމަލީ ގޮތުން މަސައްކަތްކުރެވޭނެ މައުލޫމާތު އުފެއްދުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރުން
މި އެއްބަސްވުމަކީ ރާއްޖޭގައި ހަރުދަނާ އިންކްލޫސިވް އަދި ކުރިމަގަށް ފަހި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްވެސްމެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް މާސްޓާކާޑާއި އެންސީއައިޓީއާއެކު މިކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.
އެންސީއައިޓީ ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން މިހާރަށް ވުރެ ބޮޑަށް އިންކްލޫސިވް ރައްކާތެރި އަދި ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރުމަށް އެހީވެދޭނެ ކަމަށެވެ.
" މާސްޓާކާޑުގެ ބައިނަލްއަގުވާމީ ފެންވަރުގެ ގާބިލުކަމާއި ދިވެހި ފަންނުވެރިކަން ގުޅުމުން ރާއްޖޭގެ މުސްތަގުބަލަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެ" ކިނާނަތު ވިދާޅުވި އެވެ.