ހުޅުމާލޭގައި ހުންނަ ސިފްކޯ ފްލެޓެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ރިމާންޑް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ޑްރަގާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ހިމެނެ އެވެ. ކޯޓު އަމުރުގައިވާގޮތުން އެ ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެ އެވެ.

އޭނާ ދިރިއުޅޭ ފްލެޓާއި އޭނާއާ ގުޅުންހުރި އިތުރު ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

އޭނާ ދިރިއުޅޭ ސިފްކޯ ފްލެޓްގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. ނަމަވެސް އެ މައްސަލާގައި ދެން ފުލުހުން ހޯދި މަސްތުވާތަކެއްޗަކީ އޭނާއާ ގުޅުން އޮންނަ ތަނަކުން ފެނުނު އެއްޗެއް ނޫން ކަމަށް ބުނެ އެކަމަށް އިންކާރުކުރި އެވެ.