ބައެއް ފޮށިތަކުގެ ވޯޓް ކަރުދާސް އަލުން ގުނުމަށް ނިންމީ ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާ ގުޅިގެން ހުށައަޅާފައިވާ ޝަކުވާތަކާ ގުޅިގެން ނޫން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ މިއަދު ކުރިއަށް ގެންދަން އުޅުނު އެކްސަސައިޒްއަކީ ނިމިގެން ދިޔަ އިންތިހާބާ ގުޅިގެން ހުށައަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކުރަން އުޅުނު ކަމެއް ނޫން ކަމަށެވެ. ނަމަވެސް، އެއީ ނަތީޖާ ކަށަވަރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެކްސަސައިޒް އެއް ކަމަށެވެ.
މިކަން ކުރަން އުޅުނީ ގާނޫނުގައި ވާ ގޮތަށް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި އިތުރަށް ޝަރީފް ވިދާޅުވީ ކޮންމެ ބަޔަކުވެސް މިމައުލޫމާތުތައް ފޯރުކޮށްދީފައިވަނީ އެބަޔަކަށް ފައިދާވާ ގޮތައް ކަމަށާއި މިކަމުގެ ސަބަބުން މިއަދު ކުރިއަށް ގެންދިޔުމަށް ހަމަޖެހުނު އެކްސަސައިޒް ކުރިއަށް ނުގެންދެވުނު ކަމަށެވެ.
މިއަދު 1:30 އިން ފެށިގެން ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް ބޭނުންވާތީ ބައެއް ދާއިރާތަކުގެ ސެކިއުރިޓީ އުރަ ހުޅުވުމަށް އޮތީ ނިންމާފަ އެވެ. ވޯޓުތައް އަލުން ގުނާ ތަނަށް ހާޒިރުވުމަށް ހުރިހާ ކެންޑިޑޭޓުންނަށާއި މީޑިއާތަކަށް ވެސް އީސީއިން ދައުވަތު ދީފައިވާކަންވެސް ފާހަގަ ކޮށްލެވެ އެވެ.
އެހެން ނަމަވެސް އެތަނަށް ބަޔަކު ވަނީ ގަދަކަމުން ވަދެގަނެ އީސީގެ މަސައްކަތްތަކަށް ހުރަސް އަޅާފަ އެވެ. ވޯޓު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ބުނެ އެއްވި މީހުން ވަނީ އީސީގެ އިންތިހާބީ މަރުކަޒު ތެރޭގައި ހަމަނުޖެހުން ހިންގާފަ އެވެ.
މިއަދު މިއެކްސަސައިޒް ކުރިއަށް ނުގެންދެވުނަސް އެހެން ދުވަހަކު މިއެކްސަސައިޒް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އީސީ ޝަރީފް ވިދާޅުވި އެވެ. ދެން އާންމުންނަށް މިއެކްސަސައިޒް ގައި ބައިވެރިވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އެހެންނަމަވެސް ކެ ންޑިޑޭޓުންނާއި މަންދޫބުނަށާއި މީޑިއާތަކަށް ފުރުސަތުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންއިން ވަނީ 18 ވޯޓު ފޮއްޓެއްގެ ނަތީޖާ ކަށަވަރު ކުރުމަށް އަލުން ގުނުމަށް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް މިކަމުގެ ސަބަބުން ނަތީޖާއަކަށް ބަދަލެއް ނާނާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. މިއީ ސައްހަ ވޯޓާއި ބާޠިލް ވޯޓުގެ އަދަދު، ވޯޓު ލީ މީހުންގެ ޖުމްލަ އަދަދާއި ދިމާ ނުވުން ފަދަ ނަތީޖާ ޝީޓުގައި ހުރި ބައެއް ކުށްތައް ހައްލު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެކްސަސައިޒް އެކެވެ.
ނަތީޖާއަށް ބަދަލު އަންނާނެ ފަދަ 89 ޝަކުވާއެއް އީސީއަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރެއިން 21 ޝަކުވާ ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީ ތަކުންނެވެ. މި ޝަކުވާތަކާއި ގުޅިގެން ވޯޓު ފޮއްޓެއް ގުނާނީ ވަގުތީ ނަތީޖާ އިއުލާން ކުރުމަށްފަހު ކަމަށްވެސް ޝަރީފް މިއަދު ވިދާޅުވި އެވެ.