ފުލުހުންގެ ބަންދުގައި ހުރި ދިވެއްސަކު ކުއްލި ގޮތަކަށް ރޭ ފަތިހު މަރުވުމުން އެތެރޭގެ ތަހުގީގެއް ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، އަތޮޅުވެހީގެ ހަތް ނަންބަރު ގޮޅީގައި ބަނދުގައި ހުއްޓާ މަރުވީ ގ. ޒާމިއާ، މާލެ، އަހުމަދު އަފްރާހު 48އ އެވެ. އަދި އޭނާގެ ހާލަތު ރޭ ފަތިހު 5:50 އެހާކަންހާއިރު ބެލިއިރު، ހަރަކާތް ހުއްޓިފައިވާ ކަމަށް ފާހަގަކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ އަކީ މިމަހުގެ 15، ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެކެވެ. ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ 30 ދުވަހަށް ބަންދު ކުރަން އޮތީ އަމުރުކޮށްފަ އެވެ.

އޭނާ ބަންދު ކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި އޮތީ މަސްތުވާތަކެއްޗަށް ދެވިހިފައި ވާތީ ފަރުވާ ދޭން ޖެހޭ މީހަކަށް ވާތީ އެވެ.

ފުލުހުން ބުނީ، އަފްރާހު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އަފްރާހު ހައްޔަރު ކޮށްފައި ވަނީ އޮގަސްޓް 15 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ މަރުގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކަމާ ގުޅޭ އެތެރޭގެ ތަހުގީގެއް ވެސް ފަށާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ ކުރަމުން ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ ބަންދުގައި ތިބޭ މީހުން މަރުވުމުގެ މައްސަލަތައް މި ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.