މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އެންމެ ފަހުގެ އަލްބަމް "ލައިފް އޮފް އަ ޝޯގާލް"ގެ އެންމެ ފުރަތަމަ އެޑިޝަން އެއް ގަޑިއިރު ތެރޭގައި ވިކި ހުސްވެއްޖެ އެވެ.
އެ އަލްބަމްގެ ވިނީލް ވޭރިއަންޓްގެ ދެ ކުލައެއް މިދިޔަ ހޯމަ ދުވަހު ޓޭލާގެ ރަސްމީ ވެބްސްޓޯރުގައި ވިއްކަން ހުޅުވާލިއިރު އޭގެ ގަޑިއިރެއް ފަހުން އެ އެޑިޝަން ހުސްވެފައިވާ ކަމަށް ވެބްސައިޓުން ބުނެފައިވެ އެވެ.
ޓޭލާގެ ޓީމުން އަލްބަމް ވިއްކަން ހުޅުވާލީ 48 ގަޑިއިރުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް އެ މުއްދަތު ހަމަވުމުގެ މާ ކުރިން ސީޑީތައް ވަނީ ހުސްވެފަ އެވެ.
މި ސީޑީތަކަށް ލިބިގެންވާ ހާއްސަ ކަމަކީ އަލްބަމްގެ އަސްލު ކަވާ ހިމެނިގެންވުމާއި ތަފާތު ދެ ކުލައަކުން ސީޑީ ތައްޔާރު ކުރެވިފައިވުމެވެ. އެހެން ކަމުން ވިނީލް ވޭރިއަންޓަކީ އަބަދުވެސް ބެލުންތެރިންގެ ތަރުހީބު ލިބޭ އެޑިޝަން އެކެވެ.
މީގެ ކުރިން ރިލީޒްކުރި ޓޭލާގެ އަލްބަމްތަކުގެ ވިނީލް ވޭރިއަންޓްއަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް އެއް ގަޑިއިރު ތެރޭގައި އެ އަލްބަމްތައް ވިކި ހުސްވެފައެއް ނުވެ އެވެ.
އެގޮތުން މީގެ ކުރިން ޓޭލާ ނެރުނު "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އަށްވެސް ބެލުންތެރިންގެ ފަރާތުން ހޫނު ތަރުހީބެއް ވަނީ ލިބިފަ އެވެ.