ވެރިކަމުގައި ހުންނެވިއިރު، ދައުލަތުގެ ފައިސާއިން ބޭރު ދަތުރެއް ކުރެއްވި މައްސަލައިގެ ތަހުގީގަށް އަވަށްޓެރި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ މިއަދު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)އިން ރަނިލް ހައްޔަރުކުރީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގަ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި ކަމަށެވެ.

މިއަދުގެ ވަގުތެއްގައި ރަނިލްވަނީ މި މައްސަލައާ ގުޅޭ ބަޔާނެއް ދެއްވުމަށް ފައިނޭޝިއަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) އަށް ވެސް ހާޒިރުވެފަ އެވެ.

މި ތުހުމަތުތަކަށް އިންކާރު ކުރައްވާ ރަނިލް ވަނީ އެ ދަތުރުފުޅުގައި ދައުލަތުން ކުރި ހަރަދު އަނބުރާ ދެއްކެވި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސީއައިޑީއިން ބުނެފައި ވަނީ މި ދަތުރުފުޅުގައި ރަނިލް ދައުލަތުގެ ފައިސާ ބޭނުންކުރެއްވީ މައިގަނޑު ގޮތެއްގައި އަމިއްލަފުޅު ބޭނުމަށް ކަމަށާއި އޭގެ ތެރޭގައި ބޮޑީގާޑުންގެ ޚަރަދުތައް ކުރުމަށް ސަރުކާރުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.

ރަނިލް ވިކްރަމަސިންހަ ވަނީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ސްރީލަންކާގެ ރައީސްކަން ކުރެއްވާފަ އެވެ. 2022 ވަނަ އަހަރު ރަނިލް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ އޭރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަ ބޮޑުވެ ރައްޔިތުންގެ މުޒާހަރާތައް ހޫނުގެ ގޮތަބަޔަ އިސްތިއުފާ ދެއްވުމާއި ހުޅުގެންނެވެ.

އޭގެ ފަހުން މިދިޔަ އަހަރު ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބުގައިވެސް ރަނިލް ވަނީ ވާދަ ކުރައްވާފަ އެވެ.