ހިތުގެ ބަލިތަކަކީ އަހަރުމެންގެ މެދުގައި އާއްމުވަމުން އަންނަ އެހެން ނަމަވެސް ގިނަ ފަހަރަށް ފަރުވާކުޑަ ކުރެވޭ ބަލި ތަކެކެވެ. ދިރިއުޅުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަމަށް އަޅާނުލެވި ދޫކޮށްލެވުމުން މިފަދަ ބަލިތަކުގެ ނުރައްކާ ބޮޑުވެ އެވެ.
އެގޮތުން ހިތުގެ ހާއްސަ ޑޮކްޓަރަކު މިވަނީ އަހަރުމެންގެ ހިތުގެ ދުޅަހެޔޮކަން ނަގާލާ އާއްމު ކަމެއް ނުވަތަ "ސައިލެންޓް ކިލާ"އެއް ބުނެދީފަ އެވެ.
ޑރ. ޑިމިޓްރީ ޔަރަނޮވް މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ލޭގެ ޕްރެޝަރަކީ ހިތުގެ ސިއްހަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށެވެ.
އެގޮތުން ލޭ މައްޗަށް ދާކަން ގިނަ މީހުންނަށް ނުވެސް އެނގޭ ކަމަށާއި އެނގޭއިރު ހާލަތު އޮންނަނީ މާ ބޮޑަށް ގޯސްވެފައި ކަމަށް ޑރ. ޔަރަނޮވް ވިދާޅުވި އެވެ.
ހިތުގެ ސިއްހަތުގެ އިތުރުން ލޭ މައްޗަށް ދިއުމަކީ ކިޑްނީގެ ބަލިތަކާއި ނާރުގެ ނިޒާމުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިގޮތަށް ލޭ މައްޗަށް ދިއުމުގެ އެންމެ އާއްމު ނަތީޖާއަކަށް ވަނީ ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުން ފަދަ ފުރާނައަށް ނުރައްކާވާ ކަންކަމެވެ.
އެހެން ކަމުން ގަވާއިދުން ލޭގެ ޕްރެޝަރު ބަލައި އެއްވަރެއްގައި ހިފެހެއްޓުމަށް ކެއިންބުއިމާއި ދިރިއުޅުމުގެ އާދަތައް ގެންގުޅުން ވަރަށް މުހިއްމެވެ.