ކާޖޮލްއަކީ ބޮލީވުޑްގައި މިހާރު ހަރަކާތްތެރިވަމުން އަންނަ އަންހެން ފަންނާނުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ފަންނާނެވެ. އޭޭނާ ބެލެވިފައިވަނީ މީޑިއާއާ ރައްޓެހި އެންމެންނާ ވެސް ގުޅޭ ތަރިއެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ކާޖޮލްގެ އެކުވެރި މިޒާޖާއެކު ވެސް ފިލްމު ސެޓެއްގައި ބާކީވެފައި ހުންނަން ޖެހުނު ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކާޖޮލް މިވަނީ ބުނެފަ އެވެ.
1997 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމް "އިޝްގް"އަކީ އެ ދުވަސްވަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވެގެންދިޔައިރު އެ ފިލްމުގައި ކާޖޮލްގެ އިތުރުން ފެނިގެންދިޔައީ އަޖޭ ދޭވްގަންއާއި އާމިރު ޚާންގެ އިތުރުން ޖޫހީ ޗާވްލާ އެވެ.
ކާޖޮލް ބުނީ އާމިރުއާއި ޖޫހީއަކީ އެ ފިލްމުގެ ޑައިރެކްޓަރުގެ ވަރަށް ގާތް ދެ އެކުވެރިން ކަމަށާއި އެ ތިން މީހުން ގިނަ ވަގުތު ހޭދަކުރަނީ އެކުގައި ކަމަށެވެ.
"ބާކީ ތިބެނީ އަހަންނާއި އަޖޭ. ބައެއް ދުވަސްދުވަހު އަހަރެން އެކަނި ވެސް ހުންނަން ޖެހޭ" ކާޖޮލްގެ ތަޖުރިބާ ކިޔައިދެމުން އޭނާ ބުނެފައިވެ އެވެ.
އޭގެ އިތުރުން ދުވާލަކު 8 ގަޑިއިރާ 10 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ސެޓުގައި އުޅެން ޖެހުމުން ވެސް އޭނާއަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށް ކާޖޮލް ބުންޏެވެ.
"އަހަރެން ކަހަލަ މީހަކަށް ވެސް ދިރިއުޅުމުގައި ހަމަހިމޭން ކަމުގައި ހޭދަކުރަން ވިޔަސް ވަގުތު ބޭނުންވޭ. އެ ފިލްމުގެ ތެރޭގައި އެ ފުރުސަތެއް ނުލިބޭ" ކާޖޮލް ކިޔައިދިނެވެ.
ބޮލީވުޑްގައި ހަރަކާތްތެރިވާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ކާޖޮލްގެ ފިލްމީ ހަޔާތުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެދީފައިވެ އެވެ.