ދޮން މަންމަ، ސްރީދޭވީ މަރުވުމުގެ ކުރިން އެއްބަފާ ކޮއްކޮމެން ކަމަށްވާ ޖާންވީ ކަޕޫރުއާއި ޚުޝީ ކަޕޫރުއާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް ބޮނީ ކަޕޫރުގެ ދޮށީ ދަރިފުޅު އަންޝުލާ ކަޕޫރު ބުނެފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަންޝުލާ ވަނީ ސްރީދޭވީގެ މަރަށްފަހު ކޮއްކޮމެންނަށް އެހީތެރިވި ގޮތާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އަންޝުލާ ބުނީ މަންމައެއް ގެއްލުމަކީ ކިހާ ބޮޑު ހިތާމައެއްކަން އޭނާއަށް ތަޖުރިބާ ކުރެވިފައިވާ ކަމަށާއި އެހެން ކަމުން އެފަދަ ވަގުތެއްގައި ޖާންވީއާއި ޚުޝީއަށް އެހީވެދޭން ބޭނުންވީ ކަމަށެވެ.
"އެމީހުނުްނަށް އެމީހުންގެ މަންމަ ގެއްލުނީ ވަރަށް ހަގު އުމުރެއްގައި. އަހަރެން ބޭނުންނުވީ އެކަހަލަ ކަމެއްގެ ތެރެއަށް އެމީހުން އެކަނި ދޫކޮށްލަން" އަންޝުލާ ބުންޏެވެ.
އެގޮތުން ސްރީދޭވީގެ މަރަށްފަހު އެއްބަފާ ކުދިންގެ މެދުގައި އޮތް ނުތަނަވަސްކަން އެއްކޮށް ފޮހެވުނު ކަމަށާއި މިހާރު އެމީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ވެސް އަންޝުލާ ބުންޏެވެ.
އަންޝުލާއާއި އަރުޖުން ކަޕޫރަކީ ބޮނީ ކަޕޫރުގެ ފުރަތަމަ ކައިވެނިން ލިބުނު ދެ ކުދިންނަށް ވާއިރު ސްރީދޭވީއާއެކު ކުރި ދެވަނަ ކައިވެނިން ލިބުނީ ޖާންވީއާއި ޚުޝީ އެވެ.