މިމަހުގެ 13 ވަނަ ދުވަހު އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ހައްޔަރުކުރީ އުމުރުން 23 އަހަރުގެ މީހަކާއި، 24 އަހަރުގެ މީހަކުގެ އިތުރުން 36 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. އެންމެން ވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފަވަނީ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޙާބަށްފަހު 18 ފޮއްޓެއްގެ ނަތީޖާ ކަށަވަރުކުރުމަށް އެ ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރުމުން އިންތިހާބީ މަރުކަޒުގައި އިދިކޮޅު ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާއި މެދު ހިނގި ހަމަނުޖަހުންތަކެއް ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށެވެ.

އެތަނަށް ގެއްލުން ދިނުމާއެކު އެމްޑީޕީ އާއި އިދިކޮޅު ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ހިނގި އެވެ. އެމްޑީޕީގެ ސަޕޯޓަރުން އެ ހާދިސާގެ ތުހުމަތު ޕީޕީއެމްގެ ސަޕޯޓަރުންގެ ބޮލުގައި އެޅުވިއިރު، ޕީޕީއެމްގެ ސަޕޯޓަރުން ބުނެފައި ވަނީ މީގެ ކުރިން ވެސް މާލޭގެ ތަންތަނަށް ގެއްލުންދީ ހެދުމުގައި އިސްކޮށް ތިބީ އެމްޑީޕީގެ އެކްޓިވިސްޓުން ކަމަށެވެ.