ހުޅުމާލޭގައި އާ އިންޖީނުގެއެއް އަޅަން ސްޓެލްކޯ އިން ހަވާލުކުރީ އެ މަސައްކަތް ކުރުމަށް އެންމެ ބޮޑު އަގެއް ހުށަހެޅި ކުންފުންޏަށްކަން އެނގިއްޖެ އެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގަ އެވެ. ޗައިނާ މެޝިން އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާއެކު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެކަމުގެ ތަފްސީލް ސްޓެލްކޯއިން ހާމައެއް ނުކުރެ އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 121 މިލިއަން ޑޮލަރަށެވެ.
ދެން އެކަމަށް ބިޑް ހުށަހެޅީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ކުންފުންޏާއި ޗައިނާ އެނާޖީ އިންޖިނިއަރިން ކުންފުނިންނެެވެ.
މޯހަން މުތާއިން ހުށަހެޅީ 119 މިލިއަން ޑޮލަރަށް ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އަދި ޗައިނާ އެނާޖީ އިންޖިނިއަރިންގެ ފަރާތުން ހުށަހެޅީ 108 މިލިއަން ޑޮލަރަށް ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
މި މަޝްރޫއު ހަވާލު ކޮށްފައި ވަނީ ދެވަނައަށް އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏަށް ވުރެ 30.8 މިލިއަން ރުފިޔާ އަދި އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އަގުބޮޑުކޮށެވެ.
އާންމުގޮތެއްގައި ކުޑަ އަގެއް ހުށަހަޅާފައި ވަނިކޮށް ބޮޑު އަގު ހުށަހަޅާ ފަރާތަށް ޕްރޮޖެކްޓް ދެނީ ރިޝްވަތުގެ ގޮތުގައި ފައިސާ ލިބޭތީ، އެ ފައިސާގެ މުގާބިލުގަ އެވެ. ސްޓެލްކޯއިން މި މަޝްރޫއަށް ހަރަދުވާ ފައިސާގެ އަދަދާއި އެ ނޫންވެސް މައުލޫމާތުތައް ސިއްރުކުރާތީ މިކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.