ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫއާއި އޭނާގެ ފިރިމީހާ ކަރަން ސިންހް ގްރޯވާއާއެކު މަސައްކަތް ކުރުމަކީ މުޅި ހަޔާތުގައި ވެސް ހެދުނު އެންމެ ބޮޑު ގޯސް ކަމަށް ލަވަކިޔުންތެރިޔާ މިކާ ސިންހް ބުނެފި އެވެ.

ބިޕާޝާއާއި ކަރަން ފެނިގެންދިޔަ 2020 ވަނަ އަހަރުގެ ވެބް ސީރީޒްއެއް ކަމަށްވާ "ޑޭންޖަރަސް" މިކާ ޕްރޮޑިއުސްކުރީ 14 ކްރޯޑް ރުޕީސް ހަރަދު ކޮށްގެންނެވެ.

އެހެން ނަމަވެސް އެ ސީރީޒް ފްލޮޕްވެ މިކާއަށްބޮޑު މާލީ ގެއްލުމެއް ލިބުނުއިރު އެކަމުގެ ސަބަބުން އެ ދެމީހުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެސް ވަނީ އުފެދިފަ އެވެ.

އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން މިކާ ބުނީ ބޮލީވުޑްގައި އެއްވެސް ވަރަކަށް އާމްދަނީ ލިބޭނަމަ އެ ހޭދަކުރަންވީ މުދާ ގަންނަން ކަމަށާއި ޕްރޮޑިއުސަރަކަށް ވުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށެވެ.

"އަހަރެން އެއަށް ހޭދަކުރި ފައިސާއިން ރޯލްސް ރޯއީސް ކާރެއް ގަނެވުނީސް. ފައިސާ އަލިފާނަށް އެޅުމަށްވުރެ އެގޮތް ވެސް ރަނގަޅު" މިކާ ބުންޏެވެ.

މިކާގެ އުފެއްދުމާ ބެހޭގޮތުން އޭނާ ބުނީ ފިލްމީ ދާއިރާގެ މަޝްހޫރު މޫނުތަކެއް ހިމަނައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓް ނާކާމިޔާބުވާނެ ކަމަށް ދުވަހަކު ވެސް ހިތަށް ނާރާ ކަމަށެވެ.

މެކްސް ޕްލެޔާގައި ރިލީޒް ކުރި އެ ވެބް ސީރީޒް ލިޔެދީފައިވަނީ މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް އެވެ. ޑައިރެކްޓް ކޮށްފައިވަނީ ބުޝަން ޕަޓޭލް އެވެ.