ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ތަރިންނަށް އެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު އެކްޓަރު ސަންޖޭ ދަތު ގޮން ޖަހައިފި އެވެ.

ސަންޖޭ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ އަލަށް ތައާރަފްވާ ތަރިންނަށް ލިބެމުން އަންނަ ތަރުހީބާ ބެހޭގޮތްން ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯގައި ވާހަކަ ދައްކަމުންނެވެ.

އޭނާ ބުނީ ޒުވާން ތަރިން އެމީހުންގެ އެންމެ ފިލްމެއް ކާމިޔާބު ވުމުން މޮޔަވާ ކަމަށާއި މިހާރަކަށް އައިސް ދޭދޭ އެކްޓަރުންގެ މެދުގައި އޮންނަންވާ ގުޅުން ވެސް ނޯންނަ ކަމަށެވެ.

އެއާއެކު ސަންޖޭ ވަނީ ބޮލީވުޑަށް އަލަށް ތައާރަފްވާ ތަރިން އެ ދާއިރާގައި ދެގޮތެއް ނުވެ 40 އަހަރު މަސައްކަތް ކުރުމަށް ގޮން ޖަހާފަ އެވެ.

1980ގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފްވި ސަންޖޭ ވަނީ މެދުކެނޑުމެއްނެތި 40 އަހަރު ބޮލީވުޑްގައި މަސައްކަތްކޮށް ބެލުންތެރިންގެ ތަރުހީބު ހޯދާފަ އެވެ.

ސަންޖޭ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ ދާދިފަހުން ނެރުނު ފިލްމު "ސައްޔާރާ"އިން ބޮލީވުޑަށް ތައާރަފްވި އަހާން ޕާންޑޭއާއި އަނީތު ޕައްޑާއަށް ފުރަތަމަ ފިލްމާއެކު ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ދަނޑިވަޅެއްގަ އެވެ.