ބ. ދޮންފަނުގެ ބިން ނުހިއްކަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ދޮންފަނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން މީގެކުރިން ރައީސް ވަނީ ނިންމަވާފަ އެވެ. އަދި އެމަނިކުފާނު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރި އެވެ.

ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެ މަސައްކަތް ހުއްޓާލުމަށް ސަރުކާރަށް ގޮވާލުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާ ބެހޭ ގޮތުން ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދުމުން ކަމަށެވެ. ރައްޔިތުން ބޭނުން ނުވާ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިގޮތުން ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދޮންފަނުގެ ކައުންސިލަށް ރަސްމީކޮށް މިނިސްޓްރީން މިއަދު އެކަން އަންގާނެ އެވެ.