ނޫސްވެރިންނާއި އާއްމުގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި، ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްކުރުމާއެކު ބޭރު ނޫސްތަކުގެ ފަލަސުރުހީއަށް ރާއްޖެ އަރައިފި އެވެ.

ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރިއިރު، ނޫސްވެރިންނާއި ގިނަ އަދަދެއްގެ ޒުވާނުން ދިޔައީ މަގުތަކުގައި އިހްތިޖާޖު ކުރަމުންނެވެ. މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޑީގައި އޮވެ ހުށަހެޅި ބިލުގައި ކަންބޮޑުވާ އެތައްކަމެއް ހުރިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެގޮތުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމާއި އަމިއްލަ ފަރުދުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރާ ކޮންޓެންޓް ކޮންޓްރޯލް ކުރުމުގެ ބާރުވެސް އެ ބިލުން ދީފައި ވެއެވެ.

ބިލު ފާސްކުރުމާއެކު ބޭރުގެ ނޫސްތަކާއި ޓީވީ ސްޓޭޝަންތަކުން ވަނީ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ގައުމުގައި އުފެދިފައިވާ ނުތަނަވަސްކަން ކަވަރުކޮށްފަ އެވެ. އެގޮތުން އިހުތިޖާޖުކުރި ނޫސްވެރިން އަނިޔާވެރިކޮށް ފުލުހުން ގެންދާ މަންޒަރުވެސް ވަނީ ދައްކާފަ އެވެ.

ބައެއް ނޫސްތަކުން ވަނީ ރާއްޖޭގެ ބަދަލުވަމުންދާ ހާލަތާއި ގުޅިގެން އަވަށްޓެރި ނޭޕާލަށް ގެނައިފަދަ ބަދަލެއް އަތުވެދާނެތޯ ސުވާލުކޮށްފަ އެވެ. އަދި ގިނަ ފަރާތްތަކުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން އާއްމުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ކަންކަން ނިންމާކަމަށް ރިޕޯޓްކޮށްފަ އެވެ.