މިދިޔަ އާދީއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދިޔަ މީހަކު ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލައިގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމް، 28، އަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށި ދުވަހުގެ މެންދުރު އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފަށް މަރުގެ އިންޒާރު ދީ، ބިރުދައްކާފައިވާ ކަމަށެވެ.
އޭގެއިތުރުން ލޫތުގެ ޖީބުން ވަޅިއެއް ވެސް ފެނިފައިވުމާއެކު މިދިޔަ ހުކުރު ދުވަހު ކޯޓު އަމަރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ލޫތުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.