ފަލަސްތީނުގެ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި 48 އަސީރުންގެ “ވަދާޢީ ފޮޓޯ” ކަމަށް ބުނެ ޙަމާސްގެ އަސްކަރީ ގޮފި، އަލްގައްސާމް ބުރިގޭޑުން އަސީރުންގެ ފޮޓޯ އާންމުކޮށްފިއެވެ.

ޔަހޫދީން ޣަައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކަށް ކެތްނުކުރެވިގެން ޙަމާސުން ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީންނަށް ޖިހާދީ ޙަމަލާއެއްދީ އެ މީހުންގެ 250އެއްހާ މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ.

އެ ޙަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން ފެށި ހަނގުރާމަ އަދިވެެސް ދަނީ ކުރިއަށެވެ. ޔަހޫދީން ދަނީ މުޅި ޣައްޒާ އިސްތިޢުމާރު ކުރުމަށް އެ ސަހަރަށް ދެމުންދާ އަސްކަރީ ޙަމަލާތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރަމުންނެވެ.

އެކި ފަހަރު މަތިން ހަމާސުން ޔަހޫދީ އަސީރުން މިނިވަންކޮށްފައިވާ އިރު، ހަމާސްގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބި އަސީރުންގެ ތެރެއިން ދިރި ތިބީ 20 ވަރަކަށް އަސީރުން ކަަމަށް ބެލެވެއެވެ. ހަމާސުން ބުނަމުން ދަނީ އެ މީހުންގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ފުރާނަ ގެއްލުމަށް މެދުވެރި ވަނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ކަމަށެވެ.

ޔަހޫދީންގެ އަސްކަރީ ހަރަކާތް ފުޅާކުރާ ވަރަކަށް އަސީރުންގެ ފުރާނައަށް ނުރައްކާ ވާނެ ކަމުގެ އިންޒާރު ހަމާސުން ތަކުރާރުކޮށް ދެއެވެ.

މުޅި ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޔަހޫދީންގެ ޙަމަލާތައް ބޮޑުތަނުން އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ޙަމާސުން އަސީރުންގެ ފޮޓޯތައް އާންމުކޮށްފައި ވަނީ ޕޯސްޓަރެއްގެ ސިފައިގައެވެ. އެ ޕޯސްޓަރުގައި ހިމެނޭ ކޮންމެ ފޮޓޮއެއް ކައިރީގައި “ރޮން އަރަޑް”އޭ ޖަހާފައި އޮވެއެވެ. ރޮން އަރަޑްއަކީ 1986ވަނަ އަހަރު ލުބުނާނުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ޔަހޫދީ ވައިގެ އަސްކަރިއްޔާގެ ކެޕްޓަނެއްގެ ނަމެވެ.

ހަމާސުން އާންމުކުރި ޕޯސްޓަރުގައި އިތުރަށް ލިޔެފައި އޮތީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ ހުއްޓައިލުމަށް ދެކޮޅު ހެދުމުގެ ސަބަބުންނާއި ޔަހޫދީންގެ އަސްކަރީ ވެރިޔާ، އީޔަލް ޒާމިރުގެ ބަލިކަށިކަމުގެ ސަބަބުން، ޣައްޒާ ސިޓީގައި ޔަހޫދީންގެ ޙަމަލާތައް އިތުރުކޮށްފައިވާތީ އަސީރުންގެ ވަދާޢީ ފޮޓޯ އާންމުކޮށްފައިވާ ކަމަށެވެ.