ރައީސް މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަށްރަށުގައި ބާއްވާ ޖަލްސާތަކުގައި ބައެއް ރަށްރަށުގެ ކައުންސިލްގެ ރައީސުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާތީ، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގެ ރައީސުންނަށް އެފަދަ ޖަލްސާތަކުގައި ވާހަކަދައްކަން ފުރުސަތު ނުދޭން ނިންމަވައިފި އެވެ.
ތ. ވިލުފުށީ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސް ހުސައިން ޖަބީން ވަނީ އެ ރަށު އެއާޕޯޓް މަޝްރޫއާއި ހޮސްޕިޓަލްގެ މަޝްރޫއު އެންމެ ފުރަތަމަ ފެށީ މިދިޔަ ސަރުކާރުންކަން ފާހަގަކޮށް އެކަމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ވިލުފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހަސަން އަފީފަށް ޝުކުރު ދަންނަވާފަ އެވެ.
ކަނޑޫދޫގައި ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ރީހާނު ދެއްކެވި ވާހަކައިގައި ކަނޑޫދުއަށް އެންމެ ބޭނުން ވެފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަންބޮޑުވުންފާޅުކުރައްވައި އެކަން ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެންނެވި އެވެ.
އޭގެ ފަހުން ރައީސް މުއިއްޒު ވަޑައިގެންނެވި، ހިރިލަންދޫ، ވަންދޫ، ވޭމަންޑޫ، އޮމަދޫ، ކިނބިދޫގެ ކައުންސިލް ރައީސުންނަށް ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ދީފައެއް ނުވެ އެވެ. ނަމަވެސް އެޖެންޑާގައި ކުރިން ވަނީ އެ ބޭފުޅުން ވާހަކަދައްކަން ހަމަޖެހިފަ އެވެ. އަދި ސަރުކާރުން ވަނީ އެ ބޭފުޅުންނަށް ކުރިން ވާހަކަދައްކަންޖެހޭކަން ވެސް އަންގާފަ އެވެ.
އޭގެފަހުން ދިޔަމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާއަށް ދީފައިވެ އެވެ. އޭނާގެ ވާހަކައިގައި ރައީސް މުއިއްޒަށް ތައުރީފްކޮށް ސަނާ ކިޔާފައިވެ އެވެ.
ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން ވިދާޅުވީ އޭނާއަށް ޖަލްސާގައި ވާހަކަދައްކަން ފުރުސަތު ނުދޭން ނިންމުމުން އެ ޖަލްސާ ބޮއިކޮޓްކޮށްފައިވާނެ ކަމަށެވެ.
"ކައުންސިލްގެ ބައްދަލުވުމުގެ އިތުރަށް، ރައްޔިތުންނާ ބައްދަލުވާ ގަޑީގަ ރައީސްގެ ކިބައިން އެދެން ޖެހޭ އެތައް ކަމެއް ހުންނާނެތާ. އެކަން ފާހަގަކުރެވޭތީތާ މީގެ ކުރީގަ އެހެން ރަށްރަށުގަ ކައުންސިލްގެ ބައްދަލުވުމުގެ އިތުރަށް އެހެން ރައީސުންނަށް ފުރުސަތު ދެނީ ވެސް،" އަދަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަލީ ހުސައިން ވިދާޅުވި އެވެ.
ވަންދޫ ކައުންސިލްގެ ރައީސް ޝިޔާޒް އިބްރާހީމް ވިދާޅުވީ ޖަލްސާތަކުގައި ވާހަކަދައްކަން އެމްޑީޕީ ކައުންސިލަރުންނަށް ފުރުސަތު ނުދެނީ އެ ބޭފުޅުން ދައްކަވާ ވާހަކަ ރައީސް މުއިއްޒަށް ކަމުނުދާތީ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފުރިހަމަ މާނައިގައި ފޯރުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންނެވެ. އެކަމަކު ފެންނަމުން މިދަނީ ހަގީގަތް ހާމަކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރާތީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގެ ރައީސުންނަށް ޖަލްސާތަކުގައި ވާހަކަދައްކަން ފުރުސަތު ނުދޭތަނެވެ.