އަންނަ މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުން ޕްރޮމޯޓްކުރުމަށް މާލޭގެ މަގުތަކުގައި އަލުން ބެނާތައް ނެގުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު އަރީޝްގެ އެންގެވުމަށް މުވައްޒަފުން ލައްވައި އެ ބެނާތައް ނެގީ އެ ކައުންސިލްގެ ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޝަމްހޫޒާ އަހްމަދެވެ. ޝަމްހޫޒާ އަކީ ރައީސް މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅެކެވެ. އަދި އޭނާ އަކީ އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ވެސް މެ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ ރައީސް މުއިއްޒުގެ އެންގެވުމަށެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވީ އެމްޑީޕީގެ ބެނާތައް ނެގިކަން އެނގިވަޑައިގަތީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ކަމަށެވެ.
އޭނާ ދެކެވަޑައިގަންނަވާގޮތުގައި އެމްޑީޕީ ހިމެނޭހެން ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސްއަޅައިގެން ނުވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އޮންނަ އުސޫލުގެ ތެރެއިން ބެނާތައް ހަރުކުރެވެން ޖެހޭނެ ކަމަށާއި އަލުން ބެނާތައް ހަރުކުރުމުގައި އޭނާ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މީގެއިތުރުން އެމްޑީޕީން ބާއްވާ ބޮޑު އެއްވުމުގައި ވެސް އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.