ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީސް ހުޅުވުމުން އެސެޓް ރިކަވަރީ ބިލް ފޮނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ބިލް ގާނޫނަކަށްވުމުން ސަރުކާރުގެ އިދާރާތަކުން ވައްކަން ކުރި މީހުން ފަހަތުން އެ ގާނޫނު ދާނެ ކަމަށެވެ.
ކޮރަޕްޝަނާއި ހިޔާނާތުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެ ގާނޫނުގެ ސަބަބުން މަގުފަހިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ބިލް ގާނޫނަކަށްވާ ދުވަހުން ފެށިގެން މީގެ ކުރިން މިކަހަލަ ބޮޑެތި ވައްކަންތައް ކޮށްފައި ހުރި ހުރިހާ އެންމެންގެ ފަހަތުން ދާނެ ސަރުކާރުގެ އިދާރާތައް. އަޅުގަނޑަކަށް މުހިންމެއް ނޫން އެއްވެސް މީހެއް ދައުލަތުގެ ފައިސާތައް ފޮރުވައިގެން ހޯދައިގެން އުޅެންޏާ. އެއީ އަޅުގަނޑު ފުރުސަތު ދޭނެ ކަމެއް ނޫން. އެއީ އަޅުގަނޑަށް ލިބިފައި އޮތް ހައްގެއް ވެސް ނޫން. ރައްޔިތުންގެ ފައިސާ މިލިއަން ބިލިއަން މީހުންގެ އަތުގައި ހުރެ، ކަމާއި ބެހޭ އިދާރާތަކުން އެކަން ނިންމައިފިއްޔާ ތަންފީޒު ކުރުމަށް ޓަކައި އެ ފައިސާ ނުވަތަ އެސެޓް އަނބުރާ ހޯދުމުގައި އެ ގާނޫނު މުހިންމު އެބަވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަންގެ ނުބައި އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކުރި ވައްކަންތައް އިހްލާސްތެރި ގޮތެއްގައި ބަލައި އެސެޓްތައް ރިކަވާކޮށް، އެކަމުގައި ޝާމިލްވާ މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ.
މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެމަނިކުފާނު އަންގަވާފައިވާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މައްސަލަތައް ބެލުމަށް މަގުފަހިކުރުމަށް ޝަރުއީ ދާއިރާއަށް ވެސް ކަންކަން ފަހިކޮށްދީފައިވާނެ ކަމަށެވެ.