މިއަހަރު ކުރީކޮޅު މުޅި ބޮލީވުޑް ސިއްސުވާލި އެއް ހަބަރަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލި ހަބަރެވެ.
އެ ހާދިސާއަށް އެތައް މަސްތަކެއް ވީ ފަހުން ސައިފް މިވަނީ އެކަމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް އިންޑިއާގެ މީޑިއާއަށް އިންޓަވިއުއެއް ދީފަ އެވެ.
ސައިފް ބުނީ ވަޅީގެ ހަމަލާ އަމާޒުވެ ބިންމައްޗަށް ވެއްޓިފައި އޮތް ވަގުތު އޭނާގެ މުޅި ހަޔާތް އޭނާގެ ލޯ ކުރިމަތީގައި ފެންނަމުން ދިޔަ ކަމަށެވެ.
އެގޮތުން ފައިސާގެ އިތުރުން ވެސް އެކި ގޮތްގޮތުން އޭނާއަކީ ވަރަށް ނަސީބުގަދަ މީހެއްކަން އެ ވަގުތު އޭނާއަށް އިހުސާސްވި ކަމަށް ވެސް ސައިފް ބުންޏެވެ.
ސައިފްގެ ގަޔަށް ވަޅިޖެހީ އޭނާގެ ހަގު ދަރިފުޅު ޖެހްގެ ކޮޓަރިއަށް ވަތް މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގަ އެވެ. އެ މީހާ ޖެހި ވަޅި ހެރުނީ ސައިފްގެ މައިބަދަ އަށެވެ.
ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ސައިފް ވަނީ އޭނާގެ ނެޓްފްލިކްސް ސީރީޒް "ޖްވެލް ތީފް"ގެ މަސައްކަތް ފަށާފަ އެވެ.