ހުޅުމާލޭގެ ފިހާރައެއްގެ ސޭޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ އޯސީސީ ފިހާރައިގައި މަސައްކަތް ކުރާ އުމުރުން 21 އަހަރުގެ އަންހެނަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބަންގްލްދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޖަހަންގިރް މިއާ ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ ސީސީޓީވީ ފުޓޭޖުންނާއި އެހެނިހެން ގޮތްގޮތުން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.
ޖަހަންގިރް ހައްޔަރު ކުރީ ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭނާ ހުރިތަން ލޮކޭޓު ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކުރީ މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.
އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާއަށް ފަރުވާދިނުމަށްފަހު ހުޅުމާލެ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފަ އެވެ.