ރާއްޖެ އިން ޗައިނާ އަށް އަދާ ކުރަން ޖެހޭ ދަރަނިތައް ނުދެއްކޭ ހާލަތެއްގައި ރާއްޖެ އިން ބިން ދިނުމަށް ޝަރުތުކޮށްފައި ނުވާނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވިދާޅުވެއްޖެ އެވެ.
ޓުވިޓާ މެދުވެރިކޮށް ޗައިނާ ސަފީރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ލޯން ދެއްކުމަށް ދިވެހި ސަރުކާރަށް ދަތިތަކެއް ހުންނާނެ ކަމަށެވެ. އެކަމަކު، ލޯން ނުދައްކައިގެން އޭގެ ބަދަލުގައި ދިވެހި ބިން ޗައިނާއަށް ދިނުމަށް ޝަރުތު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާ ސަފީރު އެގޮތަށް ވިދާޅުވި އިރު، ޗައިނާ އަށް ދައްކަން ޖެހޭ ލޯންތައް ނުދެއްކިއްޖެ ނަމަ، އޭގެ ބަދަލެއްގެ ގޮތުގައި ރާއްޖޭގެ ބިންތަކާއި ފަޅުތަކާއި ރަށްތަކަށް ޗައިނާއަށް ދޭން ޝަރުތުކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އަޑު ފަތުރަމުންނެވެ. އަދި ޗައިނާ އިން ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ޖައްސާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރެވިފައިވާ މުއާމަލާތަކީ ދެ ގައުމަށް ވެސް ފައިދާ ކުރާނެ މުއާމަލާތްތަކެއް ކަމަށެވެ.
"އޭގައި އެއްވެސް ހާލަތެއްގައި ހަމައެކަނި ޗައިނާ އަށް ފައިދާ ވާނެ ގޮތަށް އެއްވެސް ކަމެއް ނޯންނާނެ،" ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ޗައިނާގެ ލޯންތަކަކީ "ދަރަނީގެ މަޅިއެއް" ކަމަށް ދައްކާ ވާހަކަތަކަކީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އެއީ ސިޔާސީ މަގްސަދެއް ހާސިލް ކުރަން ވެގެން ބަޔަކު ދައްކާ ވާހަކައެއް ކަމަށް ވެސް ޗައިނާ ސަފީރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ޗައިނާ އިން ދިވެހި ސަރުކާރުގެ ކުންފުނިތަކަށް ދީފައި ހުރި ލޯންތައް ދެއްކުން ފަސްކޮށް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޗައިނާ ސަފީރު ވަނީ ވިދާޅުވެފަ އެވެ.
ދާދި ފަހުން ބީބީސީން ނެރުނު ރިޕޯޓަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނި 3.1 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެއީ ސަރުކާރަށް ދީފައިވާ ލޯނުތަކާއި ސަރުކާރުގެ އެކި ކުންފުނިތަކަށް ދީފައިވާ ލޯނުތަކާއި ސަރުކާރުން ގެރެންޓީ ދީގެން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ލޯނުތައް ހިމަނައިގެން އަރާ ވަރު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، ލިޔެކިޔުންތަކުން ފެންނަން އޮތީ 1.1 ބިލަން ޑޮލަރުގެ ލޯން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.