ދިވެހި ރުފިޔާގެ އަގު ވެއްޓި ޑޮލަރުގެ އަގު ބޮޑުވަމުންދާތީ، ފަތުރުވެރިކަމުގެ ދާއިރާއަށާއި މަނީ އެކްސްޗޭންޖު ފިހާރަތަކަށް އަމާޒުކޮށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތައް ރައީސް މުހައްމަދު މުއިއްޒު މިރޭ ދިފާއު ކުރައްވައިފި އެވެ.
ސަރުކާރުން ވަނީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރުން މަޖުބޫރު ކުރުމަށާއި، ހުއްދަ ނެތި ޑޮލަރު މާރުކުރާ ފަރާތްތަކަށް އަދަބު ދިނުމަށް ނިންމާފަ އެވެ.
ރައީސް އޮފީހުގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް، ބޭރު ފައިސާގެ މައްސަލައިގައި ތަންފީޒު ކުރައްވަމުންދާ ސިޔާސަތުތަކުގެ ނަތީޖާ ޖުމްލަ ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި މި ފިޔަވަޅުތައް އަޅާފައި ވަނީ މަޝްވަރާ ކުރުމަށްފަހު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެންމެންގެ ބައިވެރިވުމާއެކު މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ބޭރު ފައިސާގެ ކަންކަމުގައި މި އަޅާ ފިޔަވަޅުތައް ވެސް، ހަމަ ޔަގީން އޭގެ ނަތީޖާ ރަނގަޅުވާނެކަން. ދެން ސިޔާސީ ބޭނުމެއްގައި ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ހަދާފާނެ. އެކަމަކު އިރާދަކުރެއްވިއްޔާ އެކަމުގެ ނަތީޖާ ޖުމްލަ ގޮތެއްގައި ރަނގަޅުވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް، 40 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގެނައި ބަދަލަކީ ސިނާއަތުގެ މަސްލަހަތުވެރިންނާއި ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލުގެ ލަފަޔާ ހިލާފަށް ނިންމި ނިންމުމެކެވެ. މިއާއެކު ސަރުކާރުގެ މި ސިޔާސަތުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ގެއްލުންވަމުންދާ ކަމަށް ވިދާޅުވެ ހަލީލު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މީގެ އިތުރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް ވަނީ މުސާރައާއި، ކުއްޔާއި، ޓެކްސް އަދި ލޯނު ފަދަ ގިނަ ހަރަދުތަކެއް ބޭރު ފައިސާއިން ކުރަންޖެހޭއިރު، ޖުމްލަ އާމްދަނީގެ 40 އިންސައްތަ ބޭންކަށް މާރުކުރުމަކީ ދެކޮޅުޖެހޭނެ އުސޫލެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މާބަނޑުވުން: އާއްމު ކުށްހީތަކާއި އޭގެ ހަގީގަތް!
ގައުމުތަކުން އެމެރިކާއަށް އެއްބާރުލުން ނުދޭން އީރާނުން ގޮވާލައިފި
ބާޒާރުން ކުކުޅު ބިސް ހުސްވެއްޖެ