މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަޝްހޫރޫ ޓީވީ ޕްރެޒެންޓަރު އިނާޔަތު އަލީ އާއި އިތުރު ތިން މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން ކަމަށެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމެވެ.
އިނާޔަތުގެ އިތުރުން ދެން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މއ. މަޒާގެ، މުހައްމަދު އައިޝް އަހްމަދު،34، ހަމަ އެގޭ އާމިނަތު ޢިއްލިއްޔީން އަޙްމަދު،25، ކަމަށެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އައިޝްގެ ބަންދަށް 10 ދުވަސް އަދި އިއްލިއްޔީނާއި އިނާޔަތު ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.