ބޮލީވުޑްގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ފިލްމް ފެއާ އެވޯޑްސްގެ މިއަހަރުގެ އެޑިޝަންއަށް ވާދަކުރާ ފަރާތްތަކުގެ ނޮމިނޭޝަންތައް އިއުލާން ކޮށްފި އެވެ.

ފިލްމް ފެއާއިން އިއުލާން ކުރި އެ ނޮމިނޭޝަން ތަކުގައި އެކްޓިން، މިއުޒިކް އަދި ޓެކްނިކަލް ކެޓެގަރީތަކުން އެވޯޑްތަކަށް ވާދަކުރާ ފަރާތްތައް އިއުލާން ކޮށްފައިވެ އެވެ.

މިފަހަރުގެ ނޮމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އާއްމުންނާއި ފާޑުކިޔުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކިރަން ރާއޯގެ "ލާޕަތާ ލޭޑީސް" އެވެ.

އެ ފިލްމަށް 20 އަށްވުރެ ގިނަ ނޮމިނޭޝަން ލިބުނުއިރު އޭގެ ތެރޭގައި އެކްޓިންގެ މައިގަނޑު ތިން ކެޓަގަރީ ކަމަށްވާ ލީޑް، ސަޕޯޓިން އަދި ޑެބިއުޓް ވެސް ހިމެނޭކަން ފާހަގަ ކޮށްލެވެ އެވެ.

"ލާޕަތާ ލޭޑީސް"ގެ އިތުރުން ނޮމިނޭޝަންތަކުން ފާހަގަ ކޮށްލެވޭ އެހެން ފިލްމުތަކުގެ ތެރޭގައި "ސްޓްރީ 2"، "ކްރޫ"، "ޖިގްރާ" އަދި "މައިދާން" ފަދަ ފިލްމުތައް ހިމެނެ އެވެ.

ފިލްމްފެއާއަކީ ބޮލީވުޑްގެ ތާރީހުގައި ވެސް އެންމެ ދުވަސްވީ އެއް އެވޯޑަށް ވާއިރު އެ އެވޯޑް ހާސިލް ކުރުމަކީ އެ ދާއިރާގައި މަސައްކަތްކުރާ ކޮންމެ ފަންނާނެއްގެ ވެސް އެންމެ ބޮޑު އެއް ހުވަފެނެވެ.