ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ އިންތިހާބުގައި ވޯޓުލެެވޭ މީޑިއާތަކުގެ ލިސްޓުގައި ނުހިންގާ ގިނަ މީޑިއާތައް ވެސް ހިމެނޭހެން ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.

ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް ރައީސް މުހައްމަދު މުއިއްޒު ވަނީ އުފައްދާފަ އެވެ.

ޖުމްލަ ހަތް މެންބަރުން ތިބޭ އެ ކޮމިޝަނަށް މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.

އަންނަ މަހު 11ގައި ބާއްވާ މި އިންތިހާބުގައި ވޯޓުލާ މީޑީއާތަކުގެ ފުރަތަމަ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ. ލިސްޓުގައި 353 މީޑިއާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީޑިއާތަކަކީ ގަވައިދުން ނުނެރޭ ނުވަތަ ނެރުން ހުއްޓާލާފައިވާ މީޑިއާތަކެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވަނީ މާދަމާ މެންދުރު ފަހު 15:00 އާ ހަމައަށެވެ.

މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އޮންލައިން މީޑިއާ އަދި އަނެއް ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ.