ޕީއެންސީގެ ކައުންސިލަރުން މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ބޮއިކޮޓް ކުރަނީ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު، ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލިޔަނުދޭން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މާލޭގެ މަސް މާރުކޭޓާ ގުޅޭ މައްސަލަ މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާކުރާ ކޮންމެ ދުވަހަކު ޕީއެންސީގެ ހުރިހާ ކައުންސިލަރުން ޖަލްސާ ބޮއިކޮޓްކޮށް، ކޯރަމް ގެއްލުވާލަ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންސީގެ ކައުންސިލަރުން އުޅެނީ ރައީސް މުއިއްޒުގެ އެއްވެސް މައްސަލައެއް ބެލިޔަނުދޭން ކަމަށެވެ.

"މުއިއްޒުގެ އެކަހަލަ މައްސަލަތައް ބެލިޔަނުދޭން އެތާ ތިބި ޕީއެންސީގެ ކައުންސިލަރުން ދުރަށްދާ ކަމަށްވަންޏާ، ރައްޔިތުންނަށް އަމާނާތްތެރިކަމާއެކު ހިދުމަތްކުރަން ތިބި ބައެއް ނޫން އެއީކީ،" ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހެކޭ ޕީއެންސީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލެކޭ އެއްވެސް ތަފާތެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާލޭ މަސްމާރުކޭޓު މުއިއްޒުގެ މޭޔަރު ކަމުގައި ހަވާލުކޮށްފައި އޮތީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އާއިލީ ކުންފުންޏަކަށެވެ. އަދި ފަހުން ވަނީ ބިޑް ކޮމިޓީން ނިންމި އަގަށްވުރެ އެތަން ކުއްޔަށް ދޫކުރުމުގެ އަގު ކުޑަކޮށްފަ އެވެ.

މީގެއިތުރުން އާ މަސް މާރުކޭޓެއް ތަރައްގީ ކުރުމަށް މުއިއްޒުގެ މޭޔަރު ކަމުގައި އޮތީ 6.1 މިލިއަން ޑޮލަރަށް ބަޔަކާ ހަވާލުކޮށްފަ އެވެ.

ނަމަވެސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެ، މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވުމުގެ ކުރިން އެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާ މަސްމާރުކޭޓު އޮތީ ހަވާލު ކޮށްފަ އެވެ. ފަހުން ހަދާފައިވާ އެއްބަސްވުމުގެ އަގަކީ 9.5 މިލިއަން ޑޮލަރެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމެވެ.

ރައީސް މުއިއްޒު ވަނީ ޕޮލިސް ބޯޑުގެ މެންބަރު ކަމަށް އަލީ ނަސީރު ގާސިމް އައްޔަންކުރައްވާފަ އެވެ. އެކަމުން ވެސް އެމަނިކުފާނާ އޭނައާ އޮތް ގާތްގުޅުން ހާމަވެ އެވެ.

އެ އެއްބަސްވުމުމުގައިވާގޮތުން އެ ފައިސާ ނުދެއްކިއްޖެނަމަ މަސް މާރުކޭޓް ހަދަން އަޅާ އިމާރާތް އެ ކުންފުންޏަށް މިލްކުވާނެ އެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ފައިސާ ދެއްކުމުގެ ގާބިލްކަމެއް ސިޓީ ކައުންސިލްގެ ނެތް ކަމަށެވެ.