ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރާ މައްސަލާގައި އާ ހެކިތަކާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ނުކުރެވޭ މައްސަލައެއް ކަމަށް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގައި ހެކިންގެ ހެކިބަހާ ގުޅޭ ކަންތައްތަކާ ގުޅޭ ގޮތުން އާ ހެކި ދައުލަތުން ހުށަހެޅި އެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.
އެ މައްސަލާގައި ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލްކޮށް, އާ ހެކިތައް އެއް ފަރާތްކުރުމަށް ފަހު، އަލުން ޝަރީއަތް ހިންގަން އަމުރުކުރި އެވެ. ނަމަވެސް އާ ހެކި އެއްފަރާތް ކުރަން ހައި ކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޖަމީލް ވިދާޅުވީ އެ މައްސަލަ ދައުލަތުން ހައި ކޯޓަށް ނާކާމިޔާބުވުމުން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މުޅިން އާ ބަހުސެއް ހިފައިގެން ކަމަށެވެ. އަދި އެއީ އިސްތިއުނާފްގެ އޮޅިގަނޑު ގިރާ ކުރާނެ މައްސަލައެއް ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ މައްސަލަ ނުނިމި ލަސްވުމުގެ ގެއްލުން ލިބެނީ ޔާމީނަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި, މިގޮތަށް މައްސަލަ ލަސްވާ ލަސްވުމުގެ ފައިދާ ދޭންޖެހެނީ ދައުވާލިބޭ ފަރާތްތަކަށް ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ހަމްޒާ ލަތީފް ވެސް ވިދާޅުވީ ދައުލަތުން އިޖްރައާތުތަކާ ހިލާފަށް އާ ހެކިތަކެއް ޔާމީނާ ދެކޮޅަށް ހުށަހެޅުމަށްފަހު ހައި ކޯޓުގައި އެކަން ދިފާއުކުރި ކަމަށެވެ. އަދި އެއީ ގޯހެއްކަން ސާބިތުވުމުން އެ ގޯސް ރަނގަޅުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް އައީ އާ ބަހުސެއް ހިފައިގެން ކަމަށް ހަމްޒާ ވިދާޅުވި އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ވަނީ ހުރިހާ އަޑުއެހުންތަކެއް ނިންމާލައިފަ އެވެ. އަދި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ