އޮރެންޖަކީ އެންމެން ވެސް ވަރަށް މީރުކޮށް ކާ މޭވާއެކެވެ. ނަމަވެސް މި މޭވާގެ ތޮށްޓަކީ ކިހާ ބޭނުންތެރި އެއްޗެއްކަން އަހަރެމެންނަށް މިއޮތީ ނޭނގި އެވެ.
އޮރެންޖުގެ ސަބަބުން އަހަރުމެންގެ ސިއްހަތަށް ކުރާ ފައިދާތަކުގެ އިތުރުން ވެސް އޭގެ ތޮށިން އާއްމު ދިރިއުޅުމުގައި ކުރެވޭ ގިނަ ބޭނުންތަކެއް ވެސް ހުރެ އެވެ. އޭގެ ތެރޭގައި:
ނުބައިވަސް ފިލުވައިދޭ
ނުބައިވަސް ދުވާ ތަންތަނުގައި އޮރެންޖްގެ ތޮށި ބޭނުންކުރުމުން ނުބައި ވަސްދުވުން ކުޑަވެ ތާޒާވަހެއް އާދެ އެވެ. އެހެންކަމުން ކުނި ވަށިގަނޑާއި އައިސް އަލަމާރި ފަދަ ތަންތަނުގައި އޮރެންޖު ތޮށި ބަހައްޓާށެވެ.
މަދިރި ހެފުން ދުރުކޮށްދޭ
އޮރެންޖަކީ ސިޓްރަސް އެސިޑް ހިމެނޭ މޭވާއަކަށްވުމާއެކު އޮރެންޖުގެ ތޮށި ހަންގަނޑުގައި އުނގުޅުމުން އޭގެ ވަހުގެ ސަބަބުން ގައިގައި މަދިރި ހެފުން މަދުކޮށްދެ އެވެ.
ގަސްކާނާ ތައްޔާރު ކުރެވޭ
އޮރެންޖުގެ ތޮށްޓަކީ އެ ބޭނުންކޮށްގެން ގަސްގަހާ ގެއްސަށް ފައިދާހުރި ގަސްކާނާ އުފެއްދޭ އެއްޗެކެވެ. އޮރެންޖުގެ ތޮށީގައި ހިމެނޭ ނައިޓްރިޖަން އާއި އެހެނިހެން މާއްދާތަކަކީ ގަސްގަހާ ގެހި ހެދި ބޮޑުވުމުގައި ވަރަށް މުހިންމު މާއްދާ ތަކެކެވެ.