މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ހިދުމަތް ތަޢާރަފުކުރުމުގެ ގޮތުން އުފައްދާ 'ޕޭމަންޓް މޯލްޑިވްސް'ގެ ލޯގޯ ފަރުމާކުރުމަށް މުބާރާތަކަށް ހުޅުވާލައިފި އެވެ.
އާންމުންނަށް ހުޅުވާލައިފައިވާ މި މުބާރާތުގައި ޕޭމަންޓް މޯލްޑިވްސް ކުންފުނީގެ ތަސައްވުރު އެއިން ދައްކައިދޭ އަސްލު އަދި އުފެއްދުންތެރި ލޯގޯ ޑިޒައިންތައް ހުށަހެޅުމަށް ދަޢުވަތު ދެ އެވެ. އެމްއެމްއޭ އިން ބުނާ ގޮތުގައި މި ލޯގޯ އިން ޚިދުމަތް ލިބިގަންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، ވިޔަފާރިތައް ކުރިއެރުވުމާއި، އަދި ދިވެހިރާއްޖެ ޑިޖިޓަލް އިޤްތިޞާދަކަށް ބަދަލުވުމުގެ ތަސައްވުރު ފެންނަންވާނެ އެވެ.
މުބާރާތުން މޮޅުވާ ފަރާތަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. އަދި ހޮވޭ ލޯގޯ އަކީ ޕޭމަންޓް މޯލްޑިވްސްގެ ރަސްމީ ކޯޕަރޭޓް އައިޑެންޓިޓީ އަށް ވެގެންދާނެ އެވެ.
ޑިޒައިންތައް ހުށަހަޅަންވާނީ 16 އޮކްޓޯބަރު 2025 ވާ ދުވަހުގެ 14:00 ގެ ކުރިން [email protected]އަށް އީމެއިލް މެދުވެރިކޮށެވެ. ބައިވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައި ކުރިއާލާ ރަޖިސްޓަރީ ކުރަންޖެހެ އެވެ.
ހުށަހެޅޭ ޑިޒައިންތައް ވަޒަންކުރާނީ އެމްއެމްއޭ އިން ހޮވާލާ ފަޑިޔާރުންގެ ޓީމަކުންނެވެ. އަދި ވީހާވެސް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި ކޮންމެ ހުށަހެޅުމެއް ވެސް ފަޑިޔާރުންނާ ހަމައަށް ދާނީ ހުށަހެޅި ފަރާތަކީ ކާކުކަން ހާމަނުވާނެ ގޮތަށެވެ.