ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި އެއްކޮށްދީ ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ވިޔަފާރިތައް މެދުވެރިކޮށް އެކި މަސައްކަތްތައް ސަރުކާރުން ކުރުވުމަށްފަހު ފައިސާ ނުދީ ހުރި އެތައް ހާސް ބިލެއް އޮތް ކަމަށެވެ.

އޭގެ ތެރެއިން ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި ދައްކައި، ނިންމާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމަކީ ފުން އަނދަވަޅެއްގައި އޮތް އިގްތިސާދު ކޮޅަށް ނެގުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވޭ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށެވެ.

ރައީސް މިހާރު ވިދާޅުނިވަނަސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މީގެކުރިން ވިދާޅުވެފައި ވަނީ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ބަރާބަރަށް ދެމުންދާ ކަމަށެވެ. އެހެންކަމުން ޒަމީރު އޭރު ހެއްދެވީ އިތުރުފުޅެއްކަން މިހާރު މިވަނީ ކަށަވަރުވެފަ އެވެ.