އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ މުޒާހަރާ އަކީ ވެރިކަން ހޯދަން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިއަދުގެ ހެނދުނު އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބަޔަކު ރާވައިގެން ބާއްވާ މުޒާހަރާގައި ޖޭޕީގެ އެއްވެސް މީހަކު ބައިވެރި ނުވުމަށް އެދޭކަމަށެވެ.

"އެއީ ބިނާ ކުރަނިވި މުޒާހަރާއެއް ނޫން، އެއީ ފަނާކުރަނިވި މުޒާހަރާއެއް" ގާސިމް ލިޔުއްވާފައިވެ އެވެ. މުޒާހަރާއަކީ ބަޔަކު ވެރިކަން ހޯދަން ކުރާ ނުބައި ކަމެއް ކަމަށް ސިފަކުރައްވާ ގާސިމް ވިދާޅުވީ މި ބޮޑު ދަރަނިވެރި ހާލަތުގައި އެއްވެސް ކަމެއް ކޮށްދެވޭނެތީ ކުރާ މުޒާހަރާއެއް ނޫން ކަމަށެވެ.

މި ސަރުކާރުން ދަނީ ކުރީގެ ސަރުކާރުތަކުގެ ދަރަނިތައް ދައްކަމުންކަމަށާއި ދަރަނި ނުދެއްކިއްޖެނަމަ ގައުމު ބަނގުރޫޓު ވާނެކަމަށްވެސް ގާސިމް ވިދާޅުވި އެވެ. މިއާއެކު ކުރީ ސަރުކާރުތަކުގެ ކޯލިޝަންގެ ބޮޑު ހިއްސާއެއް ނެންގެވި ގާސިމް ވަނީ ކުރީ ސަރުކާރުތަކުން ހިޔާނާތްވެފައި ކަމަށް ވިދާޅުވެފަ އެވެ.

"ވީމާ އަޅުގަނޑުގެ ނަސޭހަތަކީ އެއްވެސް މީހަކު މި މުޒާހަރާގައި ބައިވެރިނުވުން. މި ގައުމުގެ އަމަން އަމާންކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން،" ގާސިމް ވިދާޅުވި އެވެ.